ކ. މާލެ
|
9 އޮކްޓޯބަރ 2025 | ބުރާސްފަތި 10:54
ޔުނައިޓެޑުގެ ހިއްސާދާރު ޖިމް ރެޓްކްލިފް އަދި އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް
ޔުނައިޓެޑުގެ ހިއްސާދާރު ޖިމް ރެޓްކްލިފް އަދި އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް
ރޮއިޓަރސް
މެންޗެސްޓަރ ޔުނައިޓެޑް
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފައިވާ ރެޓްކްލިފް ވިދާޅުވީ، އަމޯރިމް އަށް އެ ކުލަބުގައި އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ކަމަކީ ވަގުތުން ނުވަތަ އޯވާ ނައިޓަކުން ޙާސިލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ޔުނައިޓެޑުން އަމޯރިމް އަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް ރެޓްކްލިފް ވަނީ ވިދާޅުވެފަ އެވެ.

އޯވާ ނައިޓަކުން އެއްވެސް ކަމެއް ޙާސިލު ނުކުރެވޭނެ ކަމަށާއި، މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެން އަމޯރިމް އަށް ތިން އަހަރު ލިބޭނެ ކަމަށް ޖިމް ރެޓްކްލިފް ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑުގެ ކޯޗަކަށް އަމޯރިމް ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހު ކޮޅު އެވެ. އޭރު ވެސް ޔުނައިޓެޑުގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، އަމޯރިމް އަށް ހަވާލު ކުރީ އެ ކުލަބުގެ ނަތީޖާތައް ހަމަ މަގަށް އެޅުވުމަށެވެ. ނަމަވެސް، އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް ޔުނައިޓެޑުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. އެއާއެކު އޭނާ އަށް އަންނަނީ އިންތިހާ އަށް ފާޑު ކިޔުން އަމާޒު ވަމުންނެވެ.

އަމޯރިމްގެ އިރުޝާދުގެ ދަށުން މިހާތަނަށް ޔުނައިޓެޑުން ވަނީ 50 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 20 މެޗުންނެވެ. 18 މެޗުން ބަލިވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާރު ކުރިއަށް ދާ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ޔުނައިޓެޑު އޮތީ 10 ވަނައިގަ އެވެ.

ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފައިވާ ރެޓްކްލިފް ވިދާޅުވީ، އަމޯރިމް އަށް އެ ކުލަބުގައި އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ކަމަކީ ވަގުތުން ނުވަތަ އޯވާ ނައިޓަކުން ޙާސިލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ޔުނައިޓެޑުން އަމޯރިމް އަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް ރެޓްކްލިފް ވަނީ ވިދާޅުވެފަ އެވެ.

އެކަން ފާހަގަކޮށް ރެޓްކްލިފް ވަނީ ބައެއް މިސާލުތައް ވެސް ދައްކައިފަ އެވެ. އޭނާ ވިދާޅުވީ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އޭނާ އަށް އޮތް ޕްރެޝަރު ވެސް ފެނުނު ކަމަށެވެ. އަދި އޭނާ ވަކި ކުރުމަށް ގޮވާލި މީހުން ވެސް މަދު ނޫން ކަމަށް ރެޓްކްލިފް ބުންޏެވެ.

ހަމަ އެހެންމެ ރެޓްކްލިފް ވަނީ، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް މިސާލެއްގެ ގޮތުގައި ދައްކައިފަ އެވެ. އާސެނަލްގައި އާޓެޓާގެ ފުރަތަމަ ދެ އަހަރުގައި އޭނާ އަށް ވެސް ޖެހުނީ ވަރަށް އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ކަމަށް ފާހަގަކޮށް ރެޓްކްލިފް ބުނީ، ކުރަން ޖެހޭ ކަމަކީ ކެތްތެރިކަމާ އެކު ތިބެ، ދިގު މުއްދަތަކުން ނެރެވޭ ނަތީޖާ ބެލުން ކަމަށެވެ.

މީގެ އިތުރުން ރެޓްކްލިފް ބުނީ އަމޯރިމް އަށް މިއީ އެންމެ ރަނގަޅު ސީޒަން ނޫން ކަމަށެވެ. އެންމެ ފަހުން އަމޯރިން އއިރުޝާދު ދިން ސްޕޯޓިންގައި ވެސް އޭނާ ރަނގަޅު މަސައްކަތެއް ކުރި ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެވެ. އެހެންކަމުން، އަމޯރިމް އަކީ ރަނގަޅު ކޯޗެއްކަން އެންމެނަށް ސާބިތު ކޮށްދޭން އޭނާ އަށް ތިން އަހަރުގެ މުއްދަތެއް ބޭނުންވާ ކަމަށް ވެސް ރެޓްކްލިފް ބުންޏެވެ.

އިތުރަށް ރެޓްކްލިފް ބުނީ ޔުނައިޓެޑުގެ ކޯޗުކަމުން މި ވަގުތު އަމޯރިމް ވަކި ނުކުރާނެ ކަމަށާއި، ކޮންމެ މީހަކު އެހެން އެންގި ނަމަވެސް އެކަން ނުކުރާނެ ކަމަށެވެ.

ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމުގެ ސަޕޯޓަރުންނާއި އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމޯރިމް އަށް އަމާޒުވެފަ އެވެ. އަދި ޔުނައިޓެޑުގެ ކޯޗު ކަމުގައި އަމޯރިމް އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށާއި، ކޮންމެ ވަގުތެއްގައި ވެސް ކޯޗު ކަމުން އޭނާ ވަކި ކޮށްފާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް