ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޔުކްރެއިންގެ ބިމުން ބައެއް ރަޝިޔާ އަށް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އަށް ބާރު އަޅުއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ ޒެލެންސްކީއާ ބައްދަލު ކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވަނީ ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ މައުލޫމާތު އިނގޭ މަސްދަރަކުން ވަނީ މީޑިއާ ތަކަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނު ބައެއް ކަންކަން ހިއްސާ ކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ، އެމެރިކާ އިން ޔުކްރެއިން އަށް ޓޮމަހޯކް މިސައިލް ފޯރުކޮށްދިނުމަށް ވެސް އިންކާރު ކުރައްވައިފަ އެވެ. އަދި ރަޝިޔާ އާއި ޔުކްރެއިން އަށް ވެސް ސަލާމަތީ ޔަގީންްކަން ދިނުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދައްކައި، މަޝްވަރާ ކޮށްފައިިވާ ކަމަށް މަސްދަރުތަކުން ވަނީ ހާމަ ކޮށްފަ އެވެ.
ބައްދަލުވުމުގެ މައުލޫމާތު ހާމަ ކުރި އެ މަސްދަރުން ބުނެފައި ވަނީ، އެއީ ވަރަށް ނުރަނގަޅު ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގައި ދެވުނީ ވެސް ވަރަށް ނުބައި މެސެޖެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެގޮތުން ޔުކްރެއިން އިން ރަޝިޔާއާ އެކު އެއްބަސްވުމަކަށް ނުގޮސްފި ނަމަ، ޔުކްރެއިން ގިނި އަލިފާނުގައި ހަލާކުވެގެން ދާނެ ފަދަ މެސެޖު އެ ބައްދަލުވުމުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ވޮޝިންޓަން ޕޯސްޓުގައި ބުނެފައި ވަނީ ބައްދަލުވުމުގެ ކުރިން ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން، ޓްރަމްޕް އަށް ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށެވެ. އެގޮތުން އެ ފޯނު ކޯލުގައި ޔުކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް ސަރަހައްދުތައް ރަޝިޔާ އަށް ދޫކޮށްލުމުގެ ބަދަލުގައި، ޒަޕޮރިޒިއާ އަދި ހާސަން ފަދަ ކުދި ސަރަހައްދު ތަކެއް ޔުކްރެއިން އަށް ދިނުމަށް ހުށަހަޅާފައިވާ ކަަމަށް ބުނެފައިވެ އެވެ.
ޓްރަމްޕްގެ ބައްދަލުވުމަށް ފަހު އާދިއްތަ ދުވަހުގެ ރޭ ޒެލެންސްކީ ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ އަދުއްވުންނަަށް އެ ޤައުމުން އެއްވެސް އެއްޗެއް ނުދޭނެ ކަމަަށެވެ. އަދި އެއްވެސް ކަމެއް ހަނދާން ނައްތާލުން ނެތް ކަމަށާއި، ރަޝިޔާ އަކީ ދިގު މުއްދަތެއް ވަންދެން ޔުކްރެއިން އަށް އޮތް ނުރައްކަލެއްކަން ސާފުކޮށް އިނގޭ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު ތަކުން ބުނާ ގޮތުގައި ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށްޓަަކައި، ރަޝިޔާ އިން އެދިފައިވާ ގޮތަށް ޔުކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމަށް ޓްރަމްޕް ވެސް ވަނީ އެދިފަ އެވެ. އަދި ޓްރަމްޕް ވަނީ އެކަމަށް ބާރު އަޅުއްވައި، ޒެލެންސްކީއާ ވާހަކަ ދައްކަވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ހަނގުރާމަ ނިންމުމުގެ މަޝްވަރާތައް ކުރުމަށް، ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓެއް ބޭއްވުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ދެ ވަނަ ސަމިޓު އޮންނާނީ ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގައި ކަމަށް ބުނެފައިވެ އެވެ. ދެ ވަނަ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މަޝްވަރާ ކުރައްވާނެ އެވެ.