Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 11:11
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޓްރަމްޕް ވިދާޅުވީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮތް ކަމަށް
އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ހަމަލާ ތަކުގައި ހަމާސް ޖަމާއަތާއި، އެ ޖަމާއަތުގެ އިސްވެރިންގެ އެއްވެސް ބައިވެރިވުމެއް އަދި އަތެއް ވެސް ނެތް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ބޭނުން ވަނީ ހަމާސް ޖަމާއަތާ އެކު ވަރަށް ސުލްހަވެރި ގޮތެއްގައި ކަންކަން ކުރިއަށް ގެންދަން ކަމަށާއި، މައްސަލަ ޙައްލު ކުރެވޭނީ ހަރުކަށި ކަމާ އެކު ކަމަށެވެ.

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދިން ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިސްރާއީލް އިން ވަނީ ޣައްޒާގެ ދެކުނުގައި ހަމާސްގެ އަމާޒުތަކަށް ކަމަށް ބުނެ ހަމަލާތަކެއް ދީފަ އެވެ. އެއީ މި މަހުގެ ނުވަ ވަނަ ދުވަހު އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، ހަމާސް އިން އިސްރާއީލްގެ ސިފައިންނަށް ހަމަލާ ދީފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް، ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައި ނުވާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ހަމަލާ ތަކުގައި ހަމާސް ޖަމާއަތާއި، އެ ޖަމާއަތުގެ އިސްވެރިންގެ އެއްވެސް ބައިވެރިވުމެއް އަދި އަތެއް ވެސް ނެތް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ބޭނުން ވަނީ ހަމާސް ޖަމާއަތާ އެކު ވަރަށް ސުލްހަވެރި ގޮތެއްގައި ކަންކަން ކުރިއަށް ގެންދަން ކަމަށާއި، މައްސަލަ ޙައްލު ކުރެވޭނީ ހަރުކަށި ކަމާ އެކު ކަމަށެވެ. ނަމަވެސް، ރަނގަޅު ގޮތް އިޚްތިޔާރު ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފައިވާ ގޮތުގައި އިސްރާއީލް އިން ދިން ހަމަލާ ތަކުގެ ސަބަބުން ގާތް ގަނޑަކަށް 45 މީހަކު ވަނީ ޝަހީދުވެފަ އެވެ. ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ މި އަދަދުތައް، ޣައްޒާގެ ހަތަރު ހޮސްޕިޓަލަކުން ވެސް ވަނީ އޭއެފްޕީ އަށް ކަަށަވަރު ކޮށްދީފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެ ހަމަލާތަކާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލުމަށް ތަޙުގީގު ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ހަމާސް އިން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރާ ކަމަށާއި، އެއްބަސްވުމާ ޚިލާފުވާ ކޮންމެ ފަހަރަކު ހަރުކަށި ގޮތެއްގައި ޖަވާބު ދޭނެ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ މި ތުހުމަތުތައް ހަމާސް ޖަމާއަތުން ވަނީ ދޮގު ކޮށްފަ އެވެ. ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ އިސްރާއީލް އިން ދަނީ އަލުން ހަނގުރާމަ ފެށުމަށް ބަހަނާ ތަކެއް ދައްކަމުން ކަމަށެވެ. އަދި ހަމާސް އިން އެއްބަސްވުމާ ޚިލާފުވެފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު، ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އާއި އިސްރާއީލް ވެސް ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޣައްޒާ ހަނގުރާމައިގެ ސުލްޙައިގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފައިވެ އެވެ.

އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުންގެ ތެރެއިން ދިރި ތިބި 20 މީހުން މިނިވަން ކޮށްފަ އެވެ. އަދި މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް ހަވާލު ކުރުމުގެ މަސައްކަތް ވެސް ހަމާސް އިން އަންނަނީ ކުރަމުންނެވެ. އެމެރިކާ އިން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ނިމިފައިވާ ކަމަށާއި، ދެން އޮތީ ދެ ވަނަ ފިޔަވަހީގެ ކަންކަން ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގި ހަނގުރާމައިގައި ޣައްޒާ އިން ވަނީ، 68،159 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފަ އެވެ. ޣައްޒާގެ އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި އެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާތީ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް