އިސްރާއީލުގެ ބާރުތަކުން ޣައްޒާގައި އެއް ޢާއިލާއެއްގެ 11 މީހުން ޝަހީދު ކޮށްލައިފިއެވެ.
މިއީ 8 ދުވަސް ކުރިން ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ އިސްރާއީލުން މިހާތަނަށް ވީ އެންމެ ނުރައްކާތެރި ޚިލާފުވުމެވެ.
މި ހަމަލާ ދިނީ ހުކުރު ދުވަހުގެ ހަވީރު، އިސްރާއީލުގެ ބާރުތަކުން އަބޫ ޝަޢަބާން ޢާއިލާ ދަތުރު ކުރަމުން ދިޔަ މަދަނީ އުޅަނދަކަށް ޓޭންކު ޝެލްއެއް ދޫކޮށްލައިގެންނެވެ. މިކަން ހިނގާފައިވަނީ ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގައެވެ.
ޣައްޒާ ގެ މަދަނީ ދިފާޢީ ބާރުތަކުގެ ތަރުޖަމާނު މަޙްމޫދު ބަސަލް ބުނެފައި ވަނީ، މި ޢާއިލާ އިން އެމީހުންގެ ގެ ބަލާލަން މަސައްކަތް ކުރަމުން ދަނިކޮށް އިސްރާއީލުގެ އަސްކަރިއްޔާ އިން އެމީހުންގެ އުޅަނދަށް ހަމަލާދިނުމުން 7 ކުޑަކުދިންނާއި 3 އަންހެނުން ހިމެނޭ ގޮތައް މުޅި އާއިލާ ޝަހީދުވެފައިވާ ކަމަށެވެ.
ހަމާސް އިން މި ހަމަލާ އަކީ ގަތުލުއާންމެއް ކަމަށް ބުނެ ކުށްވެރި ކޮށްފައި ވެއެވެ. އަދި އެ ޢާއިލާ އަށް އެއްވެސް ޙައްޤެއް ނެތި ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ. އެ ޖަމާޢަތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެދުވެރިންނަށް ގޮވާލާފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމު ކުރުމަށް އިސްރާއީލަށް ބާރުއަޅައި ދިނުމަށެވެ.
އެ އާއިލާ އަށް އިސްރާއީލު ސިފައިން ހަމަލާ ދިނީ "ރީނދޫ ރޮނގު" ކަމަށް ކިޔާ ސަރަޙައްދު ހުރަސްކުރުމުން ކަމަށް ވެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުޠުތަކުގެ ދަށުން އިސްރާއީލު ސިފައިން ފަހަތައް ޖެހެން ޖެހޭ ސަރަހައްދެއް ކަމަށް ވެސް ވެއެވެ.
ޣައްޒާ އިން ރިޕޯޓު ކުރަމުންދާ އަލް ޖަޒީރާގެ ހިންދު ޚުދަރީ ބުނެފައި ވަނީ، ގިނަ ފަލަސްތީނު މީހުންނަށް އިންޓަނެޓްގެ ޚިދުމަތް ނުލިބޭތީ، އިސްރާއީލުން ކަނޑައަޅާފައިވާ ސަރަޙައްދު ވަކިކުރާ ރޮނގުތައް ނޭނގޭ ކަމަށެވެ. މިކަމުގެ ސަބަބުން ޢާއިލާތައް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ބާރުތައް އަދިވެސް ޣައްޒާގެ ގާތްގަނޑަކަށް 53 އިންސައްތަ ސަރަޙައްދު ކޮންޓްރޯލް ކުރަމުން ގެންދެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ގައިދީން ދޫކުރަމުން ގެންދާއިރު، އިސްރާއީލުން މަދުވެގެން 38 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައި ކަމަށް ހޮނިހިރު ދުވަހު ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވެއެވެ. އޭގެ އިތުރުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ތަކެތި ހިމެނޭ ގޮތަށް ބޭނުންވާ އެހީ ވަރަށް ބޮޑަށް ހިފަހައްޓާފައިވެއެވެ.
ފާއިތުވި ހަފުތާގައި، އިސްރާއީލުގެ ބާރުތަކުން ޣައްޒާ ސިޓީގެ ޝުޖަޢިއްޔާ ސަރަޙައްދުގައި ފަލަސްތީނުގެ 5 މީހުން ޝަހީދު ކޮށްލާފައިވެއެވެ.
އިސްރާއީލުން މިސުރުގެ ރަފަޙް ކްރޮސިންގ ބަންދުކޮށް، އެހެން މުހިންމު ބޯޑަރު ކްރޮސިންގތައް ބްލޮކްކޮށްފައިވާތީ، އެ ސަރަޙައްދަށް އެހީ ފޯރުކޮށްދިނުން ވަނީ ހުއްޓިފައެވެ.
މި ހަފުތާގައި އދ އިން އިންޒާރު ދީފައިވާ ގޮތުގައި ބަނޑުހައިހޫނުކަން ފެތުރިފައިވާ ސަރަޙައްދުތަކަށް އެހީގެ ގާފިލާތައް ވާޞިލުވުމަށް ދަތިވަމުންދާ ކަމަށެވެ. އަދި 49 އިންސައްތަ މީހުންނަށް ދުވާލަކު 6 ލީޓަރަށްވުރެ މަދުން ބޯފެން ލިބޭ ކަމަށް ބުނެފައިވެއެވެ. މިއީ ކުއްލި ޙާލަތުގެ މިންގަނޑުތަކާ އަޅާ ބަލާއިރު ވަރަށް ދަށް މިންވަރެކެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލި ފަހުން ދުވާލަކު އެވަރެޖްކޮށް 560 ޓަނުގެ ކާބޯތަކެތި ޣައްޒާ އަށް ވައްދާފައިވާ ކަމަށެވެ. މިއީ މައްސަލަތަކަށް ޙައްލު ހޯދުމަށާއި ބަނޑުހައިހޫނުކަން ހުއްޓުވުމަށް ބޭނުންވާ މިންވަރަށް ވުރެ މާ މަދު މިންވަރެކެވެ.
ހަމާސް އިން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުޠުތަކަށް އަދިވެސް އެ ޖަމާއަތުން ތަބާވަމުންދާ ކަމަށެވެ.