ނޯބެލް ސުލްޙައިގެ އިނާމު ޙާސިލު ކުރި ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރައްވައިފި އެވެ.
އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މަޗާޑޯ ވަނީ ޣައްޒާގައި ހިނގަމުން އައި ހަނގުރާމައިގައި ނަތަންޔާހޫގެ ނިންމުންތަކާއި އަމަލުތަކަށް ތައުރީފު ކުރައްވާފައި ކަމަށެވެ. އަދި ރަހީނުން މިނިވަން ކުރުމަށް ވެވުނު އެއްބަސްވުމަށް ވެސް އޭނާ ތައުރީފު ކުރައްވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ހުކުރު ދުވަހު މަޗާޑޯ އާއި ނަތަންޔާހޫ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާއިރު، އަނިޔާވެރި ބާރުތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމަ އަށް ތާއީދު ކުރައްވާ ކަމަށް ވަނީ ހާމަ ކުރައްވައިފަ އެވެ.
ނަތަންޔާހޫއާ މަޝްވަރާ ކުރެއްވުމާ ގުޅޭ ގޮތުން މަޗާޑޯ އެކްސްގައި ކުރެއްވި ޕޯސްޓުގައި އިސްރާއީލް އާއި ޣައްޒާއާ ބެހޭ އެއްވެސް ވާހަކަ ހިނުއްވާފައި ނުވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ސުލްޙަ ހޯދުމަށް ޓަކައި، ޤައުމުތަކާ ދެކޮޅަށް ތިބި އަނިޔާވެރި ބާރުތަކާ ކުރިމަތިލުމަށް ވަރަށް ބޮޑު ހިތްވަރަކާއި، ބާރަކާއި އަދި އަޚުލާޤީ ވަރު ގަދަ ކަމެއް ބޭނުންވާ ކަމަށެވެ.
އެ ޕޯސްޓުގައި މަޗާޑޯ ވަނީ އީރާންގެ ވެރިކަމާ ދެކޮޅަށް ސީދާ ފާޅުގައި ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އީރާނަކީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަމަށް އެހީތެރިވާ އަދި ހަމާސް އާއި ހިޒްބުﷲ އާއި ހޫތީން ފަދަ ޓެރަރިސްޓު ޖަމާއަތްތަކަށް އެހީތެރިވާ ޤައުމެކެވެ.
ވެނެޒުއެލާ އިން އިސްރާއީލް އާއެކު ޑިޕްލޮމެޓިން ގުޅުން ބާއްވާފައި ނުވެ އެވެ. 2008 ވަނަ އަހަރު ޣައްޒާގައި ހިނގި ހަނގުރާމައާ ގުޅިގެން، 2009 ވަނަ އަހަރު އޭރު ވެނެޒެއެލާގެ ރައީސް ކަމުގައި ހުންނެވި ހިއުގޯ ޗާވެލް ވަނީ އިސްރާއީލްއާ އެކު އޮތް ގުޅުން ކަނޑާލައިފަ އެވެ.
މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމު މަޗާޑޯ އަށް ދިނުމަށް ނިންމާފައިވާއިރު، މި އިނާމަށް ޖުމްލަ 338 ނަން ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި 244 ފަރުދުންނާއި، 94 ޖަމްޢިއްޔާ ހިމެނެ އެވެ. މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އިސްރާއީލް އިން ޓްރަމްޕްގެ ނަން ހުށަހަޅުއްވާފައިވާއިރު، ނަތަންޔާހޫ ވަނީ ޓްރަމްޕް އަށް އެ އިނާމު ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ޓްރަމްޕް ފަހަތަށް ޖައްސާލުމަށް ފަހު މިއަހަރުގެ އިނާމު ޙާސިލު ކޮށްފައި ވަނީ މަޗާޑޯ އެވެ. މަޗާޑޯ އަށް އިނާމު ދިނުމަށް ނިންމައި ކޮމެޓީ އިން ބުނެފައި ވަނީ ފާއިތުވި އަހަރު، މަޗާޑޯގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ބިރު ދެއްކުންތަކާ ކުރިމަތިލާން ޖެހުމާއެކު، އޭނާ ވަނީ ފޮރުވިގެން އުޅެން ޖެހިފައި ކަމަށެވެ.
އެހެން ނަމަވެސް، އޭނާ ވަނީ ޤައުމުގައި ދެމިހުރުމަށް ނިންމާފައި ކަމަށާއި، އެއީ މިލިއަނުން ގުނާލެވޭ މީހުންނަށް ހިތްވަރު ލިބިގެން ދިޔަ ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިނިވަންކަމާއި ޑިމޮކްރަސީ، ހިތްވަރު ގަދަ ކަމާއެކު ދިފާޢުކުރާ ފަރާތްތައް" ފާހަގަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ކޮމެޓީ އިން ވަނީ ބުނެފަ އެވެ.