Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2025 | ބުރާސްފަތި 01:11
ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބުމުގެ ހުއްދަ، އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން ފާތިމާ އަލް ކުވާރީއާއި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ހަވާލުކުރައްވަނީ
ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބުމުގެ ހުއްދަ، އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން ފާތިމާ އަލް ކުވާރީއާއި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ހަވާލުކުރައްވަނީ
އުރީދޫ
އެމްއެމްއޭ
އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި
އުރީދޫ ފިންޓެކަށް ލިބުނު ހުއްދައާއެކު އާންމުންނާއި ފްރީލާންސަރުންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ އަދި އެމް-ފައިސާ ވޮލެޓަށް ސީދާ ފައިސާ ލިބޭނެ
ޕޭޕަލް ވޯލްޑްގައި އުރީދޫ ފިންޓެކް ބައިވެރިވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ވިޔަފާރިތަކާއެކު މުޢާމަލާތް ކުރެވޭނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފިއެވެ.

ބޭރުގެ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ފައިސާ ފޮނުވުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫ ފިންޓެކް އަށް މި ދޫކުރީ ޕޭޕަލް އާއި އުރީދޫ ފިންޓެކް އާ ދެމެދު ސޮއިކޮށްފައިވާ ޕާޓްނަޝިޕްގެ ދަށުން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިންވާޑް ރެމިޓެންސް ލައިސަންސް އުރީދޫއާ ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމަދީއެވެ.

އިންވާޑް ރެމިޓެންސް ލައިސަންސް، އުރީދޫ ފިންޓެކް އަސް ދިނުމަށް އެމްއެމްއޭ ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ ފިންޓެކް އަކީ، އުރީދޫ ގްރޫޕްގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ، މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ކުންފުންޏެކެވެ. މި ހުއްދަ ލިބުމާ ގުޅިގެން ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

އުރީދޫން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހުއްދަ ލިބުމުގެ ސަބަބުން އާންމުންނާއި، ފްރީލާންސަރުންނާއި، ކުދި ވިޔަފާރިތަކަށާއި، އާމްދަނީއާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރުން، އެމް-ފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެއެވެ.

ޕޭޕަލް ވޯލްޑްގައި އުރީދޫ ފިންޓެކް ބައިވެރިވުމަށް ނިންމާފައިވާކަން ޕޭޕަލްއިން ވަނީ ސެޕްޓެމްބަރު 30 ގައި އިޢުލާންކޮށްފައެވެ. މި ޕްލެޓްފޯމްގެ ޒަރީއާއިން އުރީދޫ ވޮލެޓް ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ވިޔަފާރިތަކާއެކު މުޢާމަލާތް ކުރެވޭނެ ކަމަށާއި، ބޭރު ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ކަމަށް ޕޭޕަލްއިން ފާހަގަކޮށްފައިވެއެވެ.

އުރީދޫއިން މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖެ ގެންނަން ނިންމިކަން އުރީދޫން އިއުލާން ކުރިއިރު، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ. އަދި އުރީދޫ އިން މި ޚިދުމަތް ދޭން ނިންމުމުން، މި ކަމަކީ ސަރުކާރުން ޕޭޕަލް އާއި ގުޅިގެން ކުރާ ކަމެއްގެ ގޮތުގައި ދައްކަން ރައީސް މުއިއްޒު އަދި މިނިސްޓަރު ސައީދު ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް