Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 01:58
އޮކްޓޯބަރު 3 ގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ދޫކޮށްލުމަށް ގޮވާލާ ޖަހާފައިވާ ޕޯސްޓަރެއް
އޮކްޓޯބަރު 3 ގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ދޫކޮށްލުމަށް ގޮވާލާ ޖަހާފައިވާ ޕޯސްޓަރެއް
އެމްޑީޕީ
އެމްޑީޕީ
މުޒާހަރާގެ ހައްޔަރީންގެ ބަންދުގެ މުއްދަތު ދަމަހައްޓަން ކޯޓުން ނިންމައިފި
ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މިހާރު އެމީހުން ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް
ކޯޓުން މި ނިންމުން ނިންމާފައިވަނީ އާމުކޮށް ކަންކުރާ ގޮތައް ނޫންކަން

ދޫނިދޫ ޖަލުގައި 15 ދުވަހަށް ބަންދުކޮށްފައިވާ، އޮކްޓޯބަރު 3 ވަނަ ދުވަހު ކުރި މުޒާހަރާގެ ބައިވެރިންގެ ބަންދުގެ މުއްދަތު ދަމަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ރާއްޖެޓިވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، މިހާރު އެމީހުން ބަންދުގަ އިތުރަށް ބަހައްޓަންޖެހޭފަދަ ހާލަތެއް ނެތްކަމަށާއި އެހެންކަމުން ކުރީގަ 15 ދުވަސް ބަންދުކުރަން ކޯޓުން ނިންމި ނިންމުން މުރާޖާކޮށް އެނިންމުން ބަދަލުކޮށް އެމީހުން ދޫކޮށްލުމަށް އެދިފައި ވާނޭކަމަށެވެ. ނަމަވެސް ކޯޓުން ނިންމެވީ ކުރީގެ އަމުރުތައް ބަދަލު ކުރަންޖެހޭ ކަމަށް ނުވަތަ މުރާޖާކުރަން ޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ. އަދި ކޯޓުން މި ނިންމުން ނިންމާފައިވަނީ އާމުކޮށް ކަންކުރާ ގޮތައް ނޫންކަމަށް ވެސް މައުރޫފް ފާހަގަކުރެއްވިއެވެ.

މިޒަމާނަކީ ތަހުގީގަށް މީހުން ބަންދުކުރާ ޒަމާނެއް ނޫން. ބަންދު މިކުރަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ނޫނީ ހެކި ނައްތާލާފާނެތީ ނޫނީ ފިލައިގެން ހިނގައިދާނެ ފަދަ ސަބަބެއް ފުލުހުންނަށް ކޯޓަށް ކިޔާދެވިއްޖެނަމަ. އޭގެ އެއްވެސް ސަބަބެއް ނެތް. މި މައްސަލައާ ގުޅޭ ހާދިސާ ހިނގިތަނުން މި އެންމެން ހައްޔަރުކޮށްފަވަނީ. އެހެންވީމަ ހެއްކެއް ހުރިކަމުގަ ވަނީނަމަ އެހެއްކެއްވެސް ހުންނާނީ ފުލުހުންގެ އަތުގަ. ބަންދުގަ ތިބި އެއްވެސް ފަރާތަކަށް ހެކި ނައްތާލެވޭނެފަދަ ހާލަތެއް ނެތް. ފިލައިގެން އޭގެން އެއްވެސް މީހަކު ދާނެ ހާލަތެއް ނެތް. އެހެންވީމަ އަޅުގަނޑުމެން އެދުނީ އެމީހުންގެ ބަންދަށް ލުއިދީ އެމީހުން ދޫކޮށްލުމަށް. އެހެންނަމަވެސް ކޯޓުން ނިންމެވީ ލުއިދެވޭނެ ހާލަތެއް ނެތްކަމަށް. މިއީ ވަރަށް އާދަޔާ ހިލާފު ނިންމެވުމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ. މިބާވަތުގެ މައްސަލަތަކުގަ އެހެންޔާ އަމަލުކުރާ ގޮތެއްނޫން އެއީ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް

މީގެ އިތުރުން ދޫނިދޫގައި ބަންދުކޮށްފައިވާ ފަރާތްތަކަށް އަސާސީ ހިތުމަތްތައް ފޯރުކޮށްދިނުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެެވެ. އެގޮތުން ފުލުހުން ހައްޔަރުކުރުމުގެ ތެރެއިން ކ. މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހުގެ އިނގިލި ބިންދާލާފައިވާ ކަމަށާއި އަދި ސޮލާހު އަށް ސިއްހީ ފަރުވާ ދިނުން ފުލުުން ގަސްދުގައި ލަސް ކޮށްފައިވާ ކަމަަށް ވެސް މައުރޫފް ވިދާޅުވިއެވެ. ބިންދާލާފައިވާ އިނގިލީގެ އެކްސްރޭ ނަގަން ޑޮކްޓަރު ބުނުމުން އެކްސްރޭ ކޮންމެހެން އަވަހަށް ނަގަން ނުޖެހޭ ކަމަށް ބުނެ ފުލުހުން އެކަމުގައި ވެސް ޖެއްސުންކޮށް އެކްސްރޭ ނެގުންވެސް ލަސްކޮށްފަވާކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

މުޒާހަރާގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރެއިން ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ މީހުންނަކީ ކުރީގެ މަޖްލިސް މެމްބަރުން ކަމަށްވާ ޔައުގޫބް އަބްދުﷲ، ޔާސިރު އަބްދުއްލަތީފް، މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު އެވެ. މުޒާހާރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ މާލޭގެ އިތުރުން، ހައްޔަރުކުރެވުނު ފަރާތްތައް ނިސްބަތްވާ ރަށްރަށުގައި ވެސް އެމްޑިޕީ އިން އިސްނަގައިގެން ތަފާތު ހަރަކާތްތައް ހިންގަމުންދެއެވެ.

- ކޮމެންޓް