މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ފެށި މުޒާހަރާތަކުގައި ސިފައިން ބައިވެރިވުމާއެކު ރައީސް އެންޑްރީ ރަޖޮލީނާ ފިލައިގެން ގައުމު ދޫކޮށް ހިނގައްޖެއެވެ.
މަޑަގަސްކަރައިގެ މުޒާހަރާތައް ހޫނުވެ އެލީޓް އަސްކަރީ ޔުނިޓަކުން ޒުވާނުންގެ މުޒާހަރާ އަށް ގުޅުމަށް ނިންމިކަން އިއުލާނު ކޮށްފައިވަނިކޮށް އެ ގައުމުގެ ޕާލިމަންޓުން ވަނީ ރައީސް އެންޑްރީ ރަޖޮލީނާ ގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފައެވެ.
ޕާލިމެންޓުގައި ވޯޓު ނެގީ ރައީސް ގައުމުން ފިލައިގެން ދިޔަކަން ކަށަވަރުކުރިވިތާ ދާދި މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އަންގާރަ ދުވަހުގެ މެންދުރުފަހު މި ވޯޓު ނެގީ، ރަޖޮލީނާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ޑިކްރީއެއްގެ ޒަރީއާއިން ޕާލިމަންޓް އުވާލުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މި ޑިކްރީ ބަލައިނުގަންނަ ކަމަށް އޮތީ ބުނެފައެވެ.
"އަޅުގަނޑު ވަނީ ޤާނޫނުއަސާސީ އާ އެއްގޮތްވާ ގޮތުގެ މަތިން ނެޝަނަލް އެސެމްބްލީ އުވާލުމަށް ނިންމާފައި،" ރަޖޮލީނާ އަންގާރަ ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރިއެވެ. "މިއީ އަޅުގަނޑުމެންގެ ޤައުމުގައި އަލުން އަމާންކަން ޤާއިމުކޮށް، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންވާ ޗޮއިސްއެކެވެ. ރައްޔިތުންގެ އަަޑު އަލުން އިވެންޖެހެއެވެ.. ޒުވާނުންނަށް މަގުފަހިކޮށްދޭން ޖެހޭނެއެވެ."
ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑޭތީ ފުރަތަމަ ފެށުނު މުޒާހަރާތައް ފަހުން ފުރޮޅިގެން ދިޔައީ ރަޖޮލީނާގެ ސަރުކާރަށް އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާލަތަށް މަޑަގަސްކަރަ ވެއްޓިގެން ދިއުމާއެވެ.
"އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަޅުގަނޑަށް މަޖުބޫރުވީ ރައްކާތެރި ތަނެއް ހޯދުމަށް،" ރަޖޮލީނާ ފިލައިގެން ދިއުމާ ގުޅޭ ގޮތުން ބުނެފައިވެއެވެ. އޭނާ މިހާރު ހުރި ތަނެއް ހާމަނުކޮށް، 26 މިނެޓުގެ ލައިވް ބްރޯޑްކާސްޓެއްގައި ގައުމު ދޫކުރިކަން ވަނީ ހާމަ ކޮށްފައެވެ.
ރަޖޮލީނާގެ ބަޔާން ބްރޯޑްކާސްޓް ކުރި އިރު ކެޕްސެޓް (CAPSAT) ގެ ނަމުން މަޝްހޫރު ސިފައިންގެ އިސް ޔުނިޓަކުން ދައުލަތުގެ ބްރޯޑްކާސްޓަރު އެމީހުންގެ ކޮންޓްރޯލުގެ ދަށުގައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. ޕާލިމަންޓުގައި އިމްޕީޗްމަންޓް ކުރިއަށްދަނިކޮށް އަސްކަރީ އެލީޓް ޔުނިޓުން ބުނެފައިވަނީ އެމީހުންގެ އަތުގައި ގައުމުގެ ކޮންޓްރޯލު އޮތް ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން އިތުބާރު ނެތް ކަމުގެ ވޯޓަށް އިސްނެގީ ރަޖޮލީނާ އޭނާގެ މަޤާމު "ދޫކޮށްލާފައިވާ" ކަމަށް ބުނެއެވެ.
އަންގާރަ ދުވަހުގެ ރޭ ފޭސްބުކުގައި ޕޯސްޓްކުރި މެސެޖެއްގައި ރަޖޮލީނާ ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ސިފައިން ބާރު ހޯދުމުގެ މަސައްކަތް ކުށްވެރިކޮށް، އެއީ "ޤާނޫނުއަސާސީއާ ޚިލާފު" ކަމެއް ކަމަށް ބުނެފައެވެ.
މިވަގުތު އެ ޤައުމުގައި ސާފުކޮށް ފެންނަ ވެރިއަކު ނެތެވެ.
WATCH: Madagascar's military has taken charge of the Indian Ocean island, an army colonel said, after President Andry Rajoelina fled abroad during a standoff with youth-led protesters and security forces https://t.co/UvqY3l9c51 pic.twitter.com/1OK5WzUd5y
— Reuters Asia (@ReutersAsia) October 14, 2025
މަޑަގަސްކަރަ އަކީ ސިޔާސީ ހަމަނުޖެހުންތަކާއި ބަޣާވާތުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ރަޖޮލީނާ މިހާރު ޤައުމުން ފިލައިގެން ދިޔަކަމަށް ބެލެވޭ ގޮތަކީ 2009 ވަނަ އަހަރު ހިނގި މުޒާހަރާތަކާ ގުޅިގެން ކަންހިނގި ގޮތާ ވަރަށް އެއްގޮތައް ހިނގި ކަމެއް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޭރު އެ މުޒާހަރާތަކުގެ ސަބަބުން ކުރީގެ ސަރުކާރު ވެއްޓި، ރަޖޮލީނާ ވެރިކަމަށް އައެވެ. ނަމަވެސް، އޭނާގެ ސަރުކާރަށް ކޮރަޕްޝަނާއި އިޤްތިޞާދު ހީނަރުވުމާ ގުޅިގެން ފާޑު ކިޔުންތަކާއި ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ.
"ޖެން ޒެޑް މެޑަގަސްކަރ" ގެ ނަމުގައި މަޝްހޫރުވި މުޒާހަރާ ތަކަކަކީ ޒުވާނުންގެ ހަރަކާތަކުން އިސްނަގައިގެން، ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތަކެކެވެ. އެ ގޮތުން ރުޅިއައިސްފައިވާ އެތައް ސަތޭކަ މީހުން ވަނީ ވެރިރަށް އެންޓަނަނަރީވޯގެ މަގުތަކަށް ނުކުމެފައެވެ. ތިން ހަފްތާގެ ހަމަނުޖެހުންތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވަނީ ފާއިތުވި ހަފްތާ ބަންދުގައެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ވިޔަފާރިތަކާއި ގޭޭބިސީތަކަށް 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަރަންޓާއި ފެން ނުލިބި ދިއުމާ ގުޅިގެން ފެށުނު ރުޅިވެރިކަން ދާދި އަވަހަށް ބަދަލުވެގެން ދިޔައީ މުޅި ސަރުކާރު ހިންގާ ގޮތާމެދު އޮތް ހިތްހަމަނުޖެހުމަކަށެވެ.
މުޒާހަރާ ކުރި މީހުން ކުށްވެރިކުރަމުން ދިޔައީ ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ފަޤީރުކަމާއި، ދިރިއުޅުމުގެ އަގުބޮޑުކަމާއި، ސަރުކާރާ ގާތް ގުޅުން އޮންނަ ވިޔަފާރިވެރިންނަށް ފައިދާވާ ގޮތަށް ދައުލަތުން ކޮރަޕްޝަން ހިންގަމުން ދިއުމެވެ. މުޒާހިރާ ކުރި މީހުން ގޮވަމުން ދިޔައީ ރަޖޮލީނާގެ 15 އަހަރުގެ ސަރުކާރު ނިމުމަކަށް ގެނައުމަށާއި، "މިނިވަން، ހަމަހަމަ އަދި އެއްބައިވަންތަ މުޖުތަމަޢެއް" އުފެއްދުމަށެވެ.