މަޑަގާސްކަރައިގެ ސިފައިންގެ ޔުނިޓެއް އެ ގައުމުގެ ޒުވާނުން ކުރަމުން ގެންދާ އިހްތިޖާޖާ ގުޅުނުކަން އިއުލާނު ކޮށްފިއެވެ.
އަނެއްކޮޅުން ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ.
އެލީޓް ސިފައިންގެ ޔުނިޓަކުން ޒުވާނުން އިސްވެގެން ކުރިއަށް ގެންދާ ސަރުކާރާ ދެކޮޅު އިހުތިޖާޖާ ގުޅުނުކަން އިއުލާނު ކުރީ އާދިއްތަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މަޑަގަސްކަރައިގައި މިހާރު އޮތް ހާލަތަކީ ވެރިކަމުގައި ހުންނެވި ރައީސް އެންޑްރީ ރަޖޮލީނާގެ ސަރުކާރަށް ބިރުވެރި ނުރައްކާތެރި ހާލަތެކެވެ.
މަޑަގާސްކަރައިގެ ސިފައިންގެ ޔުނިޓަކުން ވަނީ އެމީހުން ބާރު މުޅި އަސްކަރިއްޔާގެ މައްޗަށް އޮތް ކަމަށް ބުނެފައެވެ.
"މިހާހިސާބުން ފެށިގެން، މަޑަގާސްކަރުގެ ސިފައިންގެ ހުރިހާ އަމުރެއް - އެއީ އެއްގަމު، ވައިގެ ނުވަތަ [ކަނޑުގެ] އަމުރެއްކަމުގައި ވިޔަސް - ނެރެވޭނީ ކެޕްސެޓްގެ މައި މަރުކަޒުންނެވެ،" އިދާރީ އަދި ޓެކްނިކަލް ކޮންޓިންޖެންޓްގެ އޮފިސަރުން އާދީއްތަ ދުވަހު ވީޑިއޯ މެސެޖެއްގައި ބުނެފައިވެއެވެ.
މި އިޢުލާނު ކުރެވުނީ ބަޔަކު ރައީސް އެންޑްރީ ރަޖޮލީނާ ވެރިކަމުން ވައްޓާލަން މަސައްކަތް ކުރާ ކަމަށް ރިޔާސީ ގަނޑުވަރުން ތުހުމަތުކުރިތާ މަދު ގަޑީއިރެއްގެ ތެރޭގައެވެ. ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޑަގަސްކަރައިގައި "ޣައިރު ޤާނޫނީ ގޮތުން އަދި ބާރުގެ ބޭނުން ކޮށްގެން ވެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ." ނަމަވެސް އެކަމުގައި އުޅެނީ ކޮން ބައެއް ކަމެއް ބަޔާނުގައި ނުބުނެއެވެ.
މިހާރު ކުރިމަތިވެފައިވާ ހަލަބޮލި ކަމަކީ 2023 ވަނަ އަހަރު ސުވާލު އުފެދޭގޮތަކަށް ރަޖޮލީނާ އަލުން އިންތިޚާބުވި ފަހުން އޭނާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. އެއީ 2009 ވަނަ އަހަރު ބަޣާވާތަކުން އޭނާ ވެރިކަމަށް ގެނައި ސިފައިން މިހާރު އޭނާއާ ދެކޮޅަށް ނުކުތުމާ ގުޅިގެންނެވެ.
ހޮނިހިރު ދުވަހު، ނުފޫޒު ގަދަ ސިފައިންގެ ޔުނިޓެއް ކަމަށްވާ ކެޕްސެޓްގެ ސިފައިން، އެހެން ސިފައިންނަށް ގޮވާލާފައި ވަނީ ސަރުކާރުގެ އަމުރުތަކަށް ކިޔަމަންވުން ހުއްޓާލުމަށާއި އޭގެ ބަދަލުގައި ޒުވާނުން އިސްވެގެން ކުރިއަށް ގެންދާ އިހުތިޖާޖުތަކަށް ތާއީދުކުރުމަށެވެ.
"އަހަރެމެން ވެއްޖެ ބޫޓުގައި ދޫލާ ބަޔަކަށް،" އެ ޔުނިޓުގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނެފައިވެއެވެ.
"ކަލޭމެންގެ މަތީ ވެރިންގެ އަމުރުތަކަށް ކިޔަމަން ނުވާށެވެ. ކަލޭމެންގެ އަސްކަރީ އެކުވެރިންނާ ދެކޮޅަށް ބަޑި ދިއްކުރުމަށް އަމުރުކުރާ މީހުންނާ ދިމާއަށް ކަލޭމެންގެ ހަތިޔާރު އަމާޒުކުރާށެވެ،" އެމީހުން ބުނެފައިވެއެވެ.
މިހާރު ކުރިއަށްދާ އިހުތިޖާޖުތައް ފެށުނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ފެނާއި ކަރަންޓު ލިބުމުގެ ދަތިކަމާ ދެކޮޅަށް ބޭއްވުނު ހިނގާލުން ތަކަކުންނެވެ. ނަަމަވެސް މިހާރު އެ އިހުތިޖާޖުތައް ވަނީ 2023 ވަނަ އަހަރު ސުވާލު އުފެދޭ ގޮތަކަށް ރަޖޮލީނާ ދެވަނަ ދައުރަކަށް އިންތިޚާބުވި ފަހުން އޭނާގެ ވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަށް ބަދަލުވެފައެވެ.
މި ހަލަބޮލިކަމުގެ ތެރޭގައި، މަޑަގާސްކަރައިގެ ސިޔާސީ މަޝްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް މީގެ ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ.
މި ހާލަތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ވެސް މަޑަގަސްކަރަ އަށް ވަނީ އަމާޒުވެފައެވެ. ގިނަ ޤައުމުތަކުން ވަނީ މި ހަލަބޮލިކަން އަވަހަށް ނިމުމަކަށް ގެނައުމަށާއި، ޤާނޫނީ އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މައްސަލަ ހައްލު ކުރުމަށް ގޮވާލާފައެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ވެސް އެދިފައިވެއެވެ.