Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 09:24
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، އަދި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، އަދި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ބައިޑަން އާއި ބްލިންކެން ފާހަގަ ކުރީ، އޭރުގެ ސަރުކާރުން ޣައްޒާ ހަނގުރާމަ ނިންމަން ކޮށްފައިވާ ކަންކަން
ބައިޑަންގެ ދައުރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބްލިންކެން ވިދާޅުވީ، މިހާރުގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހެޅި 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ ޕްލޭން އަކީ ބައިޑަންގެ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނެއްގެ މައްޗަށް ބިނާ ކޮށްފައިވާ ޕްލޭނެއް ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓުމަކަށް ގެނަސްފައިވާއިރު، އެކަމުގައި ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ފާހަގަ ކުރައްވައިފި އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަރާތުން ހުށަހެޅި 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު، ހަމާސް އާއި އިސްރާއީލް އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އަދި މިހާރު ވަނީ ޣައްޒާގެ ސުލްހައިގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ބައިޑަން އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ނިމުމާ ހަމައަށް އައިސްފައިވާތީ އެކަމާ ވަަރަށް ހިތްހަމަ ޖެހޭ ކަމަށެވެެ.

ބައިޑަން ވިދާޅުވީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަކީ ފަސޭހަ ކަމެއް ނޫން ކަަމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރަހީނުކޮށްފައި ތިބި ރަހީނުން މިނިވަން ކުރުމާއި، ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ހަނގުރާމަ ނިންމުމަށް އޭނާގެ ސަރުކާރުން ގަދައަޅާ މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

ނަމަވެސް، ބައިޑަން ވަނީ އަލުން ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއް ހާސިލު ކުރެއްވުމަށް ޓްރަމްޕް ކުރައްވާފައިވާ މަސައްކަތާއި، އޭނާގެ ދައުރު ވެސް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މިހާރު އެމެރިކާ އާއި ދުނިޔޭގެ އެހީތެރިކަމާ އެކު މެދު އިރުމަތީގެ ސަރަހައްދު ދަނީ ދެމެހެއްޓެނިވި ސުލްޙައިގެ މަގަށް އަދި އިސްރާއީލް އާއި ފަަލަސްޠީނަށް އެއް ހަަމައެއްގައި ސުލްޙަ އާއި އިއްޒަތް އަދި ރައްކާތެރިކަން ލިބޭނެ މުސްތަޤުބަލަކާ ދިމާލަށް ކަމަށެވެ.

ބައިޑަންގެ ދައުރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބްލިންކެން ވިދާޅުވީ، މިހާރުގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހެޅި 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ ޕްލޭން އަކީ ބައިޑަންގެ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނެއްގެ މައްޗަށް ބިނާ ކޮށްފައިވާ ޕްލޭނެއް ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި، އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ބްލިންކެން ވަނީ މިހާރުގެ ރައީސް ޓްރަމްޕް އަށް އެކަން ހާސިލު ކުރެވުނު ގޮތް ހިއްސާ ކުރައްވައިފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ހަމާސް އާއި އިސްރާއީލް އިން އެއްބަސްވުމާ އެކު، މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ވަނީ ޣައްޒާގެ ސުލްޙައިގެ ސަމިޓު ކުރިއަށް ގެންގޮސްފަ އެވެ. އެ ސަމިޓުގައި ޓްރަމްޕްގެ އިތުރުން، 20 އަށް ވުރެ ގިނަ ޤައުމު ތަކުގެ ލީޑަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ސަމިޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ނިންމުމުގެ ވާހަކަ އަޑު އަހަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޣައްޒާ ހަނގުރާމަ ހުއްޓުވޭނެ ކަމަށް މީގެ ކުރިން އެއްވެސް މީހަކު ޤަބޫލު ކޮށްފައި ނުވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެތައް ގޮން ޖެހުންތަކެއްގެ ތެރެއިން މިއަދު އެ ހަނގުރާމަ ނިމުމަކަށް ގެނެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ބްލިންކެންގެ ޕޯސްޓުގައި އޭނާ ވިދާޅުވެފައި ވަނީ، ޣައްޒާގެ ހަނގުރާމަ އަށް ފަހު، ދެން އަމަލު ކުރަން އެކުލަވާލާފައިވާ ޕްލޭން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ ހަމަޖެހުން ޤާއިމުކޮށް، ބައިނަލްއަޤުވާމީ ބާރެއް އުފެެއްދުމާއި، ހަމާސް ޖަމާއަތުގެ ހަތިޔާރުތައް ނައްތާލުމާއި، ފިޔަވަހި ތަކަކަށް ބަހާލައިގެން އިސްރާއީލްގެ ބާރުތައް ފުރިހަަމަ ގޮތުގައި ފަހަތަށް ޖެހުން ހިމެނޭ ކަމަށް ބްލިންކެން ވިދާޅުވެފައިވެ އެވެ.

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވަރަށް ބޮޑަށް ދައްކަވާފައިވާ ވާހަކަ އެކެވެ. ވެރިކަަމަށް ވަޑައިގެން، ފުރަތަމަ ދުވަސް ކޮޅު ހަނގުރާމަ ނިންމުމުގައި ޓްރަމްޕް އަށް ކާމިޔާބު ހޯދިފައި ނުވުމުން، އެތައް ބައެއްގެ ފާޑު ކިޔުން ވެސް އޭނާ އަށް އަމާޒުވެގެން ދިޔަ އެވެ.

އެހެން ނަމަވެސް، ޓްރަމްޕްގެ ފަރާތުން ހުށަހެޅި ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު ހަނގުރާމަ ނިމުމަކަށް ގެނެސްފައިވާއިރު، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ވެރިން ވަނީ ޓްރަމްޕް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. މީގެ އިތުރުން އެކި އެކި ޤައުމު ތަކުގެ ވެރިން ވަނީ ޓްރަމްޕް އަށް މަރުޙަބާ ވިދާޅުވެފަ އެވެ.

ޣައްޒާގެ ހަމަޖެހުން ޤާއިމު ކުރުމަށް ޓްރަމްޕް އާއި، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އިސް ނަންގަވައިގެން ކުރިއަށް ގެންދިޔަ ސަމިޓުގައި ވާހަކަ ދައްކަވަމުން އަލް ސީސީ ވިދާޅުވެފައި ވަނީ، މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގައި ޓްރަމްޕް ވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވުނީ ޓްރަމްޕްގެ މަސައްކަތުން ކަމަށާއި، ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ހަމައެކަނި ލީޑަރަކީ ޓްރަމްޕް ކަމަަށް ޔަގީންވާ ކަމަށް ވެސް އަލް ސީސީ ވިދާޅުވެފައިވެ އެވެ.

މަސްދަރު: ފޮކްސް ނިއުސް
- ކޮމެންޓް