Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 12:38
އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ
އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
މެދު އިރުމަތީގައި އަމާން ކަމުގެ އިރު އަރައިފި: ޓްރަމްޕް
ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ނިންމުމަށް އޭނާ ކުރެއްވި މަސައްކަތުން ހޯދުނު ހުއްޓުމަކީ، މެދު އިރުމަތީގެ އަމާންކަމަށް އަރައިގެން އައި އިރެއް ކަމަށް. އަދި އެއީ ވަރަށް އުނދަގުލުން ހޯދުނު ކާމިޔާބެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވޭ.

މެދު އިރުމަތީގެ ސަރަހައްދަށް އަމާންކަމުގެ އިރު އަރާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު އިސްރާއީލް އަށް ވަޑައިގެން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކައިގައި ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމަ ނިންމުމާއި، މެދު އިރުމަތީގެ އަމާންކަމުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ.

ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ނިންމުމަށް އޭނާ ކުރެއްވި މަސައްކަތުން ހޯދުނު ހުއްޓުމަކީ، މެދު އިރުމަތީގެ އަމާންކަމަށް އަރައިގެން އައި އިރެއް ކަމަށެވެ. އަދި އެއީ ވަރަށް އުނދަގުލުން ހޯދުނު ކާމިޔާބެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެތައް އަހަރަކަށް ދެމިގެން ދިޔަ ހަނގުރާމަ އާއި ނުރައްކަލުގެ ތެރެއިން، މިހާރު އުޑު މަތި ސާފުވެ، ބަޑިތަކުގެ އަޑު ހިމޭންވެ، ސައިރަންތައް ވެސް ހިމޭންވެ އަދި މުޤައްދަސް ބިމެއްގައި އަމާން ކަމުގެ އިރު އަރާފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދަކީ އަމާންކަން ލިބިގެންވާ ތަނަކަށް ވާނެ ކަމަށެވެ.

ހަމަ އެހެންމެ، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމާ އެކު، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަރަބި އަދި އިސްލާމީ ޤައުމު ތަކުން ކުރި މަސައްކަތަކަަށް ޝުކުރު އަދާ ކުރައްވާ ކަަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަކީ އިސްރާއީލް އަށާއި، މުޅި ދުނިޔެ އަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލް އޮތީ ހަނގުރާމައިގެ ތެރޭގައި ކަމަށެވެ. އެ ހަނގުރާމައިގައި އިސްރާއީލްގެ ރައްޔިތުން ވަނީ އަމާންކަން ގެއްލި، މަދު ބަޔަކަށް ނޫނީ ތަހަންމަލު ކުރަން އުނދަގޫ އެތައް ކަމަކާ ކުރިމަތިލާފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، މިހާރު އެ ވޭންތަކާއި ބިރުވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިސްރާއީލް އަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަތަންޔާހޫގެ ވާހަކައިގައި އޭނާ ވިދާޅުވެފައި ވަނީ، ޓްރަމްޕް އަކީ މިހާތަނަށް އެމެރިކާގެ ރައީސުންގެ ތެރެއިން އިސްރާއީލް އަށް ލިބުނު އެންމެ ބޮޑު ރަޙުމަތްތެރިޔާ ކަމަށް ވިދާޅުވެފަ އެވެ. ނަތަންޔާހޫ މިހެން ވިދާޅުވެފައިވާއިރު، އޭނާ އާއި ޓްރަމްޕް އަކީ ވަރަށް ގާތް ގުޅުން އޮންނަ ދެ ލީޑަރުންނެވެ.

އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވުމާ އެކު، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަދި ޙާޟިރުވެ ތިބި މީހުން ވަނީ ކޮޅަށް ތެދުވެ އަތް ޖައްސަވައި، ޓްރަމްޕް އަށް މަރުޙަބާ ދަންނަވައިފަ އެވެ. އޭގެ ކުރިން ޓްރަމްޕް ވާހަކަ ދައްކަވަމުން ގެންދެވި އިރު، ޤާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ވަނީ "ފަލަސްޠީނު ބަަލައިގަނޭ"، މިފަދައިން ލިޔެފައިވާ ބޯޑު ހިފައިގެން އިހުތިޖާޖު ކޮށްފަ އެވެ. އެއާއެކު އެ ދެ މެމްބަރުން ވަނީ މަޖިލީހުން ނެރެފަ އެވެ.

ޓްރަމްޕް އިސްރާއީލް އަށް ވަޑައިގެންފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު ދެ ވަނަ ދައުރުގެ ހުވާ އޭނާ ކުރެއްވި ފަހުން އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ހަތަރު ފަހަރެއްގެ މަތިން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. ޓްރަމްޕްގެ މި ދައުރުގެ ތެރޭގައި އޭނާ އެންމެ ގިނައިން ބައްދަލު ކުރެއްވި އެކަކީ ނަތަންޔާހޫ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް