އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި، އޭނާއާ ދެކޮޅަށް ޝަރީއަތްތައް ފަށާފައި ވަނިކޮށް، ނަތަންޔާހޫ އަށް މައާފު ދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލްގެ ރައީސް އައިސާކް ހާޒޮގް އަށް ގޮވާލަައްވައިފި އެވެ.
ޓްރަމްޕް މިފަދައިން ގޮވާލައްވާފައި ވަނީ ހޯމަ ދުވަހު އިސްރާއީލް އަށް ވަޑައިގެން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ތުހުމަތު އަދި އޭނާއާ ދެކޮޅަށް ކުރިއަށް ގެންދާ މައްސަލަ އަކީ މުހިންމު ކަމެއް ދޭން ޖެހޭ ކަންކަމެއް ނޫން ކަމަށެވެ.
އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް މިފަދައިން ގޮވާލައްވާފައިވާއިރު، އިސްރާއީލްގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި ނަތަންޔާހޫގެ މައްސަލަ އިތުރަށް ޝަރީއަތުގައި އޮތުމަކީ ވެސް، އިސްރާއީލްގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނު ވާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ޓްރަމްޕް މިހެން ގޮވާލައްވާފައި ވީ ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ރައީސް އަދި ސަރުކާރުގެ ފަރާތުން ވެސް މިހާތަނަށް ރަސްމީ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ޓްރަމްޕް އެ ވާހަކަ ދެއްކެވިއިރު، ޤާނޫނު ހަދާ މަޖިލީހުގައި އިސްރާއީލްގެ ރައީސް ހާޒޮގް ވެސް އިންނެވި އެވެ.
ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަނީ ރިޝްވަތާއި، މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެ މައްސަލަ ތަަކުގެ ޝަރީއަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށުނު ނަމަވެސް، ނަތަންޔާހޫ ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.
މިއަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު، ނަތަންޔާހޫގެ ކްރޮސް އެގްޒެމިނޭޝަން ތެލް އަވީވްގެ ކޯޓުގައި ފަށާފައިވާއިރު، މީޑިއާ ތަކުން ބުނެފައި ވަނީ އެކަމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. އޭގެ ފަހުން ވެސް ވަނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކޮށްފަ އެވެ.
މައްސަލަ ކުރިއަށް ދަނިކޮށް ނަތަންޔާހޫގެ ޤާނޫނީ ވަކީލުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސްކޮށް ދިނުމަށް ވެސް އެދިފަ އެވެ. އެއީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން، އޭރު ސަލާމަތީ މައްސަލަ ތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ފާހަގަކޮށެވެ. ނަމަވެސް، ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސް ކުރަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމައިފަ އެވެ.
ނަމަވެސް އެ މައްސަލަ އަށް އެމެރިކާ އިން ތަދައްޚުދު ވާނެ ކަމަށާއި، ނަތަންޔާހޫއާ ދެކޮޅަށް ކުރަނީ ސިޔާސީ ދައުވާ ތަކެއް ކަމަށް ޓްރަމްޕް ވިދާޅުވީ ފަހުން، ކޯޓުން ވަނީ ޝަަރީއަތް ކެންސަލް ކޮށްފަ އެވެ.