Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 11:09
މިޞްރުގައި ކުރިއަށްެ ގެންދިޔަ ޣައްޒާ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
މިޞްރުގައި ކުރިއަށްެ ގެންދިޔަ ޣައްޒާ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާ އެއްބަސްވުމަކީ މެދު އިރުމައްޗަށް ލިބުނު ކާމިޔާބެއް: ޓްރަމްޕް
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަމާސް އާއި އިސްރާއީލް އިން ރަހީނުން މިނިވަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، ޣައްްޒާ ހަނގުރާމަ ހުއްޓުވުމަށް ސޮއި ކުރެވުނުކަން އިއުލާން ކުރުމަކީ، މެދު އިރުމަތީގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ މެދު އިރުމައްޗަށް ލިބުނު ކާމިޔާބެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހެޅި ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު، އިސްރާއީލް އާއި ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އެއާ އެކު، މިޞްރުގެ ޝަރަމް އަލް ޝައިޚުގައި ކުރިއަށް ގެންދިޔަ ސަމިޓުގައި ވަނީ ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަމާސް އާއި އިސްރާއީލް އިން ރަހީނުން މިނިވަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، ޣައްްޒާ ހަނގުރާމަ ހުއްޓުވުމަށް ސޮއި ކުރެވުނުކަން އިއުލާން ކުރުމަކީ، މެދު އިރުމަތީގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ޣައްޒާގެ ސުލްޙައާ ގުޅޭ ގޮތުން މިޞްރުގައި ކުރިއަށް ގެންދިޔަ ސަމިޓުގައި ދުނިޔޭގެ އެތައް ލީޑަރުންނެއް ބައިވެރިވެފައިވާއިރު، އެ ސަމިޓު ޗެއާ ކޮށްފައި ވަނީ ޓްރަމްޕް އާއި، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އެވެ. އެ ބައްދަލުވުމުގައި މިޞްރު، ތުރުކީ އަދި ޤަތަރުން ވަނީ ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވި ޤައުމު ތަކުގެ ލީޑަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ މެދު އިރުމަތި އަދި މުޅި ދުނިޔެ އަށް ވެސް ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، އެކަމަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރަން ޖެހޭއިރު، އެ ޖަމާއަތުން ވަނީ އިސްރާއީލްގެ ހުރިހާ ރަހީނުން މިހާރު މިނިވަން ކޮށްފަ އެވެ. އޭގެ ބަދަލެއްގެ ގޮތުގައި އިސްރާއީލް އިން ވަނީ އެ ޤައުމުގެ ހައްޔަރުގައި ތިބި ފަލަސްޠީނުގެ 1968 މީހުން މިނިވަން ކޮށްފަ އެވެ.

ހަމާސްގެ ރަހީނުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާ އެކު، އެ ޤައުމުގައި ވަނީ އެކަމުގެ އުފާ ވަރަށް ބޮޑަށް ފާޅު ކޮށްފަ އެވެ. ރަހީނުން މިނިވަން ކޮށްފައިވާއިރު، އެ މީހުން ވަނީ އިތުރު ފަރުވާ އަށް އިސްރާއީލްގެ މެދު ތެރޭގައި ހުރި ހޮސްޕިޓަލަށް ގެންދެވިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، 2023 ވަނަ އަަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމަ އަށް ދެ އަހަރު ވެއްޖެ އެވެ. އެ ހަނގުރާމައިގައި އިސްރާއީލް އިން ވަނީ ޣައްޒާގެ 67،000 އަށް ވުރެ ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން، 150،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ހަނގުރާމަ ހުއްޓާލުމާ އެކު، ޣައްޒާގެ ކުއްލި ނުރައްކަލުގެ އިދާރާތަކުން އަންނަނީ ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކި އެކި މަސްދަރު ތަކުން ބުނެފައިވާ ގޮތުގައި އެ އިމާރާތްތަކުގެ ދަށުގައި ވެސް އެތައް ހާސް ބަޔަކު ވާނެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް