އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ނުކުރެވި ސަރުކާރު ހުއްޓިފައިވާއިރު، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދިނުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.
ޓްރަމްޕް، ޕެންޓަގަން އަށް އަންގަވާފައި ވަނީ ލިބެން ހުރި ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް، ސިފައިންނަށް މުސާރަ ދިނުމަށެވެ. މިފަދައިން ޓްރަމްޕް އަންގަވާފައި ވަނީ އޮކްޓޫބަރު 15 ގައި ސިފައިންނަށް ލިބެން ޖެހޭ މުސާރަ ނުލިބި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ސިފައިންނަށް ހައްގުވާ މުސާރަ ލިބޭނެކަން ކަަށަވަރު ކުރުމަށް ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އޭނާގެ ބާރުތައް ބޭނުން ކުރައްވާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދާފައިވާ ކަމަށާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މެދުވެރިކޮށް ސިފައިންނަށް މުސާރަ ދެވޭނެ ކަމަށެވެ.
އެމެރިކާގެ ސަރުކާާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ނުކުރެވި ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، ސަރުކާރު ހުއްޓިފައި އޮންނަތާ 11 ދުވަސް ވެއްޖެ އެވެ. އެއާ ގުޅިގެން ގާތް ގަނޑަކަށް 1.3 މިލިއަން އެކްޓިކް ޑިއުޓީ ސިފައިންނަށް މުސާރަ ނުލިބުމުގެ ނުރައްކާ ވަނީ ކުރިމަތިވެފަ އެވެ. އެ މައްސަލައިގައި އެމެރިކާގެ ކޮންގްރެސްގައި ވެސް ވަނީ ޝަކުވާ އުފެދިފަ އެވެ.
ސިފައިންނަށް މުސާރަ ދޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާއިރު، އެ ނިންމުމާ އެކު އެ މައްސަލަ ހައްލު ކުރުމަށް އެމެރިކާގެ ކޮންގްރެސް އަށް އޮތް ޕްރެޝަރުގެ ތެރެއިން ޕްރެޝަރެއް ކުޑަ ވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ސަރުކާރުގެ އެހެން މުވައްޒަފުންނަށް މިފަދަ އެހީތެރިކަން ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ލިބިފައި ނުވެ އެވެ.
ސަރުކާރު ހުއްޓުމަކަށް އައިސް ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭނެ ކަމުގެ ބިރުވެރިކަން އޮތްއިރު، އަދި އަނެއްބައި މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ބޮޑުވެ އޮތްއިރު، ހުކުރު ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ބަޖެޓު އޮފީހުން ވަނީ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކި ކުރަން ފަށައިފަ އެވެ.
ކޮންގްރެޝަނަލް ބަޖެޓު އޮފީހުން ބުނެފައިވާ ގޮތުގައި، އެ ފައިސާ ހޯދުމަށް ޓްރަމްޕްގެ ޓެކްސް އަދި ހޭދަ ކުޑަ ކުރުުގެ ބިލުގެ ދަށުން ޕެންޓަގަން އަށް ލިބިފައިވާ ބިލިއަން ޑޮލަރު ތަކުގެ ތެރެއިން އަދަދެއް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި 2025 ރިކޮންސިލިއޭޝަން އެކްޓްގެ ދަށުން ލިބިފައިވާ މެންޑޭޓަރީ ފަންޑިން ވެސް މިކަމަށް ބޭނުން ކުރެވިދާނެ އެވެ.
ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެ އެވެ.