Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2025 | ހޮނިހިރު 21:13
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައުސިންގ މިނިސްޓްރީން ފްލެޓް ކަނޑައެޅުމަށް ބޭއްވި ގުރު ނެގުން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައުސިންގ މިނިސްޓްރީން ފްލެޓް ކަނޑައެޅުމަށް ބޭއްވި ގުރު ނެގުން
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
މި ސަރުކާރުގެ ފުލެޓް އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ނަގައިގެން ފަރުނީޗަރާއި، އެއަރކޯން އަށް ފައިސާ ދެއްކި މީހެއްގެ ފުލެޓު ވެސް ކަޓުވާލައިފި
ގުރުއަތުގައި ބައިވެރި ކުރި 585 ފްލެޓުގެ ތެރޭގައި ކުރިން 75 ޕޮއިންޓް ލިބިގެން ގުރު ނަގައިގެން ފްލެޓް ދިން ފަރާތްތަކުގެ އަތުން އަތުލި ފްލެޓް ހިމެނޭ
ފުލެޓް އަތުލި އިރު 75 ޕޮއިންޓް ލިބިގެން ގުރުއަތުން ފްލެޓް ލިބުނު 24 ފަރާތާ އެކު މި ސަރުކާރުން ވަނީ އެއްބަސްވުން ހަދާފައި
މި ސަރުކާރުން ހެދި އެއްބަސްވުމަށް ވެސް މި ސަރުކާރުން އިހުތިރާމު ނުކުރި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިސްޓަށް އެ ގޮތް މިގޮތް ހެދުމުގެ ތެރޭގައި މި ސަރުކާރުން ހެދި އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ނަގައިގެން ފަރުނީޗަރަށާއި، އެއަރކޯން އަށް ފައިސާ ދެއްކި މީހެއްގެ ފްލެޓް ކަޓުވާލައިފިއެވެ.

އެމްޑީޕީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ގެޒެޓް ކުރި ލިސްޓަށް އިހްތިރާމް ކުރާނެ ކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓް ލިބޭމީހުންގެ ލިސްޓުން އެތައް ބަޔަކު އުނިކޮށް އެމީހުންނަށް ފްލެޓް ނުލިބޭނެ ކަމުގެ ލިޔުން ވެސް ވަނީ ފޮނުވާފައެވެ. އެންމެ ގިނަ މީހުންނަށް ދެއްކި ބަހަނާ އަކީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުކުރެވޭ ކަމަށް ބުނެއެވެ.

މި ނޫހާ ވާހަކަ ދެއްކި ފަރާތަކުން ބުނީ، އޭނާ އަކީ 75 ޕޮއިންޓް ލިބިގެން ގުއަތުން ފްލެޓް ލިބުނު ކަމަށް ކުރީ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް އެއްބަސްވުން ހަދާފައިވާ މީހެއް ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަދާ "ކަރުދާސް ރީމެއްގެ ބޯ މިން ހުންނަ އެއްބަސްވުމުގައި" އޭނާ ވަނީ ސޮއިކޮށް، އޭގައި ހިމެނޭ އެއަރކޯން ކުރުމާއި ފަރުނީޗަރު ހޯދުމުގެ ބަޔަށް ވެސް އެއްބަސްވެ ފައިސާ ވެސް ދައްކާ ފައެވެ.

"ލޯނު ނަގައިގެން އަޅުގަނޑު ފައިސާ ވެސް ހަމަ ކުރީ، މިހާރު އޮންނަނީ އަޅުގަނޑަށް ފްލެޓް ނުލިބޭ ކަމަށް ޕޯޓަލް ބެލީމައި،" އޭނާ ބުންޏެވެ.

76 ޕޮއިންޓް ލިބިގެން ގުރުއަތުގައި ކުރީ ސަރުކާރުން ބައިވެރި ނުކުރާ ފަރާތްތަކެއް ތިބި ކަމަށް ބުނެ މިސަރުކާރުން ވަނީ ބައެއްގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.

އެގޮތުން 3 ކޮޓަރީގެ 585 ފްލެޓް ގުރުއަތުގައި ހިމަނާ، 76 ޕޮއިންޓް ލިބުނު ނަމަވެސް ކުރިން ގުރުއަތުގައި ބައިވެރި ނުކުރާ ފަރާތްތަކުގެ ތެރެއިން 338 ފަރާތަކަށް ފްލެޓް މިހާރު ވަނީ ހަމަ ޖައްސާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި 585 ފްލެޓަކީ ކުރިން 75 ޕޮއިންޓް ލިބިގެން ގުރު ނަގައިގެން ފްލެޓް ދިން ފަރާތްތަކުގެ އަތުން އަތުލި ފްލެޓާއި، އެކި އެކި ސަބަބު ދައްކައިގެން ފްލެޓް ބާތިލު ކުރި ފަރާތްތަކުން ހޯދި ފްލެޓް އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި 75 ޕޮއިންޓް ލިބިގެން 24 ފަރާތަކާ އެކު މި ސަރުކާރުން ވަނީ އެއްބަސްވުން ހަދާފައެވެ. އެހެން ކަމުން މި 24 ފަރާތަށް ދިން ފްލެޓުތައް އަލުން ގުރުއަތު ލީ ގުރުއަތުގައި ހިމަނާފައިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

75 ޕޮއިންޓް ލިބިގެން ގުރުއަތުން ފްލެޓް ލިބުނު ފަރާތްތަކުގެ އަތުން މި ސަރުކާރުން ފްލެޓް އަތުލާއިރު އަދިވެސް ގުރުއަތު ނެގުމަށް ފަހު ބާކީ މިހާރު ވެސް 247 ފްލެޓް ހުރި ކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ކުރީ ސަރުކާރުން 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ނެގި ގުރުއަތުން 305 މީހަކަށް ފްލެޓް ލިބޭ ކަމަށް އޮތީ ކަނޑައަޅާފައެވެ.

އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް ފަރާތްތަކަށް ލިބުނު ފުލެޓު އަތުލުމަށް ފަހު، ގުރު ނެގުން ފަހުން ބާއްވާފައި ވަނީ ކުރިން ކަނޑައަޅާ އިއުލާނު ކޮށްފައިވާ އުސޫލާ ޚިލާފަށް ބަޔަކަށް ފްލެޓް ދޫކުރަން ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީ އިން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފު ކޮށްދިނުމަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަން އެ ގޮތައް ކުރަނީ "ރައްޔިތުންނަށް އޮޅޭ ގޮތައް މައުލޫމާތު ފަތުރައި، ފުލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށް،" ކަމުގައެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ސާފު ކޮށްދީފައިވާ ގޮތުގައި، މި ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަރިންނަށް ވެސް ފުލެޓް ލިބޭ ވަރަށް މާކްސް ލިބިފައިވާ ނަމަ ފުލެޓް ލިބޭނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް އެއް ފްލެޓް ކަމަށް 15 ނޮވެމްބަރު 2023 ގައި ކޮށްފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފައިވާ ކަމުގައެވެ.

އޭގެ އިތުރުން އެމްޑީޕީ އިން ބުނެފައި ވަނީ ދެމަފިރިން ވެސް 3 ކޮޓަރީގެ ފްލެޓަށް ނުވަތަ 2 ކޮޓަރީގެ ފްލެޓަށް ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ ފްލެޓް ލިބުމަށް ހޮވިފައިވާ ނަމަ އެ ދެމަފިރިންނަށް އެއް ފްލެޓް ނުވަތަ ދެމަރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް އެއް ފްލެޓް ދިނުމަށްޓަކައި ގުރުއަތު ނެގި އިރު ދެމަފިރިންގެ ތެރެއިން ފޯމު ތަރުތީބުން އެއް ފަރާތް ހިމަނައި، އެ ދެފަރާތައް ލިބޭނެ ފްލެޓް ކަނޑައަޅާފައިވާނެ ކަމަށެވެ. އެއީ ދެ ފަރާތައް ނުވަތަ ދެ ފަރާތުން ކަނޑައަޅާ އެއް ފަރާތާ އެކު އެއްބަސްވުން ހެދުމަށް ކަނޑައަޅާފައިވާ ފްލެޓް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މި ސަރުކާރުން ގެންދަނީ، މި އުސޫލާ ޚިލާފަށް، ފްލެޓް ދިނުމުގެ ގުރުއަތު ލުމުގެ ކަަންކަން ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ، ދެމަފިރިންގެ ތެރެއިން ޕޯޓަލް ގައި ފްލެޓް އެސައިން ވެފައި ނުވާ ފަރާތަކީ ގުރުއަތުގައި ބައިވެރިކޮށްފައި ނުވާ، އަދި ފްލެޓުން މަހުރޫމު ކޮށްފައިވާ ފަރާތްތައް ކަމަށް ބުނެ އަލުން އެމީހުންނަށް ފްލެޓް ދިނުމަށްޓަކައި ގުރުއަތުލުން ކުރި އަށް ގެންދިއުމަކީ ނޭނގި ނަމަވެސް ގެދޮރުވެރިޔާ ސްކީމުން ދެމަފިރިންނަށް ދެ ފްލެޓް ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަސާސީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ އެތައް ބައެއްގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީން މި ފަރާތްތަކަށް ފްލެޓް ދިނުމަށް ގުރުއަތުލުން ވަނީ ހުސްވި ހަފްތާގެ ބުދަ ދުވަހު އެ މިނިސްޓްރީގައި ކުރިއަށް ގެންގޮސްފައެވެ.

- ކޮމެންޓް