ރައީސް އިބްރާޙިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތައް އިތުރު ފަރާތަކަށް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އެތަން އަތުލާނެކަމުގެ އިންޒާރު ސަރުކާރުން ދީފި އެވެ.
ސަރުކާރުން މިފަދަ އިންޒާރެއް ދީފައި މިވަނީ ގެދޮރުވެރިޔާ ފުލެޓުތައް ހަވާލުކުރަން ފެށުމާއެކު ބައެއް ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރު ކުރަމުން ދާކަމުގެ ވާހަކަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން، ގެދޮރުވެރިޔާ ފުލެޓެއް މަހަކު 25،000ރ. އަށް ކުއްޔަށް ދޭން ފޮޓޯ އާއެކު ޖަހާފައިވާ އިޝްތިހާރެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކަކީ ރައްޔިތުންގެ ފައިސާ އިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށް ވާތީ، ބޮޑެތި އަގުތަކުގައި އެ ފްލެޓުތައް ކުއްޔަށް ދީ، އެއްބަސްވުމުގައި ސޮއިކުރި މީހާ ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް އަދި އެހެން ބޭނުމަކަށް ވިޔަސް ބޭނުން ކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ
އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައިކަމަށް ވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.
މީގެއިތުރުން ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން މިއަންނަނީ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫނެވެ. އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން މިއަންނަނީ މަސައްކަތް ކުރަމުންނެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު![]()
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތައް އިތުރު ފަރާތަކަށް ކުއްޔަށް ދޭނަމަ އެތަންތަން އަތުލާނެ ކަމަށް ވިދާޅުވެ މިނިސްޓަރ މުއްތަލިބު އިންޒާރު ދެއްވާފައިވާއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް ހޮނިހިރު ދުވަހު ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސް ގައި ވިދާޅުވީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެ ފްލެޓުތައް ދޫކުރަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ދީގެން ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް ފޮޓޯއާ އެކު ކުއްޔަށް ދޭން ޖަހާފައިވާ ކަމަށް ބުނެ އަޑުފެތުރިފައިވާއިރު، ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ.
ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން… pic.twitter.com/y5RsKvY63B
— Abdulla Muththalib (@muththo) October 11, 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފުލެޓު ތަކެވެ. ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި މަހަކު 7000ރ ދައްކަން ޖެހޭއިރު، މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1000ރ ދައްކަންޖެހެ އެވެ.
އަދި މީގެތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 9000ރ ދައްކަންޖެހޭއިރު މެއިންޓެނެންސް ފީގެ ގޮތުގައި 1500ރ ދައްކަންޖެހެ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.
މި އަދަދުތައް ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ދައްކަން ޖެހޭއިރު، އެއް މުއަދަތުގައި ނުދައްކައިފި ނަމަ އެތަންތަނަށް ޖުރިމަނާ ދައްކަން ޖެހޭ ގޮތައް އެފްޑީސީން އޮތީ ކަނޑައަޅާފައެވެ.