ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޚުދުމުހުތާރު ކަމާއި އަޅުވެތިކަން އިސްނުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ޢަދާލަތު ޕާޓީން ގޮވާލައިފި އެވެ.
ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުން އިތުރުވަމުންދާއިރު، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމާއި، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ފިޔަވަޅުތައް ސަރުކާރުން އަޅަން ފަށާފައިވާކަން ފާހަގަކުރެވޭ ކަަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި ތަޙްޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށް އަދާލަތު ޕާޓީން ބުނީ މި ސަރުކާރުން ވަޒީފާގެ ބިރުދެއްކުމާއި ސިޔާސީ ވާދަވެރިންނަށް ގޯނާކޮށް އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
ސިޔާސީ ލީޑަރުންނަށް ބިރުދެއްކުމުގެ ޢަމަލުތައް އިތުރުވަމުންދިއުމަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގައި ރައްޔިތުންގެ ތާއީދު ނުލިބޭނެކަމުގެ ބިރު ސަރުކާރަށް އިޙްސާސްވާކަމުގެ ހެއްކެއްކަމަށް ވެސް ޢަދާލަތު ޕާޓީން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި ތަހުޤީޤު އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގެ ނާޖާއިޒު ބޭނުން ހިފައިގެން އާންމު ރައްޔިތުންގެ އަސާސީ މިނިވަންކަމަށާއި ޒާތީ ދިރިއުޅުމުގެ ތެރެއަށް ސަރުކާރުން ވަނުމާއި ވަޒީފާގެ ބިރުދައްކައިގެން ވާދަވެރި ސިޔާސީ ހަރަކާތް މައިތިރިކުރަން އުޅޭކަމީ ސަރުކާރަށް ގޮތް ހުސްވަމުންދާ ކަން ދަލީލުކޮށްދޭ ކަމެކެވެ.
އަދާލަތު ޕާޓީ![]()
ރައްޔިތުންގެ އަމާނާތާމެދު މާތްﷲ އަށް ބިރުވެތިވުމަށް ސަރުކާރަށް ގޮވާލަމުން އަދާލަތުން ވަނީ ޢަދުލު އިންސާފުގެ މަގުން އެއްކިބާ ނުވުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ﷲގެ ޢުޤޫބާތް ލިބިދާނެ ކަމެއްކަން ވެސް އަދާލަތުން ވަނީ މި ސަރުކާރަށް ހަނދާންކޮށްދީފައިވެއެވެ.
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރަށް ގޮވާލުން pic.twitter.com/MxvQGdu6PR
— Adhaalath Party (@AdhaalathOffice) October 9, 2025
ދިވެހި ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވުމާއި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި އެންމެހައި ފަރާތްތަކަށް ޢަދާލަތު ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.