ރާއްޖެ އިން ގޭންގުތައް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވިތާ 48 ގަޑިއިރު ހަމަ ނުވަނީސް، ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހަތިޔާރާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މި އާއެކު ގޭންގުތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް މުއިއްޒު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް ވަނީ ބެލެވިފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ ދެ މީހުންނަށް ވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ހައްޔަރުކުރި ދެ މީހުންނަކީ މާލެ ދަފްތަރު 1264، އުމުރުން 34 އަހަރުގެ ޝަމާހު މުސާދީދީ، އަދި ރ. އިންނަމާދޫ، އެވަލީޑް އުމުރުން 19 އަހަރުގެ ހުސައިން ނަވީން އެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، ދެ މީހުންނަށް ވެސް ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތެވެ. އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ދެ ގޭންގެއްގެ ދެމެދު ހަމަނުޖެހުން އެފެދި، މާރާމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.
ފުލުހުން ޝަމާހު ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ކަޓަރު ތިލައެއް ފެނިފައިވެ އެވެ. ނަމަވެސް ޝަމާހު ދިފާއުގައި ބުނީ އެއީ ނިޔަފަތި ކަޑަން ގެންގުޅުނު އެއްޗެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ މިހާރު އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށެވެ.
ނަވީން ބަލައި ފާސްކުރިއިރު، އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ކަޓަރެއް ފެނިފައިވެ އެވެ. ސީން ގައި ފުލުހުން ނަވީން އާ ސުވާލު ކުރުމުން، އެ ކަޓަރަކީ މީހެއްގެ ގަޔަށް ޖަހަން ގެންގުޅޭ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ނަވީން ދިފާއުގައި ބުނީ އެ ސައިކަލަކީ އޭނާގެ ބައްޕަގެ ސައިކަލެއް ކަމަށާއި، މަޑިދަށުގައި ކަޓަރެއް އޮތް ކަމެއް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ ކުށުގެ ރިކޯޑެއް ވެސް ނެތް މީހެއް ކަމަށެވެ.
ގޭންގު މާރާމާރީގެ މައްސަލަ އެއް ފެންމަތި މިވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާ ގައި ރައީސް މުއިއްޒު ދިވެހިރާއްޖޭގައި ގޭންގުތައް ނައްތާލެވިފައިވާ ކަމަށް އިއުލާނު ކުރައްވާފައި ވަނިކޮށްނެވެ. އެ ޖަލްސާ ގައި ވާހަކަދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔަ ގޭންގުތަކުން ކުށްކުރުން ހުއްޓާލުމަށްފަހު، މިހާރު މަސައްކަތް ކުރަމުން ދަނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ކަމުގަ އެވެ. އަދި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު މިހާރު ދިވެހިރާއްޖޭ ގައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ވާހަކަފުޅާއި ހޯމް މިނިސްޓްރީ އަދި ފުލުހުންގެ ފަރާތުން ދޭ މައުލޫމާތުން ފެންނަ ބޮޑު ތަފާތުގެ ސަބަބުން، ގޭންގުތަކާ ގުޅޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
ހޯމް މިނިސްޓްރީ އިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، ރާއްޖޭގައި 83 ގޭންގު މިހާރު ހަރަކާތްތެރިވަމުން ދާއިރު، އެ ގޭންގުތަކުގައި 3،600 މީހުން ކުށްކުރުމުގައި އުޅެ އެވެ. އަދި ވެރި ރަށް މާލޭގައި އެކަނި ވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް ހޯމް މިނިސްޓްރީއިން ބުނެ އެވެ. މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި 2،500 މީހުން ހަރަކާތްތެރިވާ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ބުނެފައިވެ އެވެ. އަދި ގޭންގުތަކުގައި ގާތްގަނޑަކަށް 85 ކުޑަކުދިން ހަރަކާތްތެރިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.