Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2025 | ބުރާސްފަތި 06:02
މިސްރުގައި ކުރިއަށް ދިޔަ ޣައްޒާގެ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން
މިސްރުގައި ކުރިއަށް ދިޔަ ޣައްޒާގެ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން
ބީބީސީ
ޣައްޒާ ހަނގުރާމަ
ހަމާސް އާއި އިސްރާއީލުން ސުލްހައިގެ ޕްލޭނުގެ ފުރަތަމަ ފިޔަވައްސަށް އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
މި އެއްބަސްވުމުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް އަންނާނެ، އިސްރާއީލުގެ ހުރިހާ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން ދޫކޮށްލެވޭނެ، އަދި ޣައްޒާ އަށް އެހީ ފޯރުކޮށްދެވޭނެ.

އިސްރާއީލާއި ހަމާސް އިން ޣައްޒާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހުގެ ރޭ އިއުލާނު ކުރައްވައިފިއެވެ.

މީގެ މާނައަކީ ހުރިހާ ރަހީނުން ވަރަށް އަވަހަށް ދޫކޮށްލެވޭނެ ކަމާއި، އަދި ވަރުގަދަ، ދެމެހެއްޓެނިވި އަދި ދާއިމީ ސުލްހައަކާ ދިމާލަށް ދެވޭނެ ކަމަށާއި، އިސްރާއީލުން އެއްބަސްވެފައިވާ ގޮތައް އެމީހުންގެ ސިފައިން އަނބުރާ ގެންދާނެ ކަމަށް ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ މެދުވެރިން ގެ ގޮތުގައި މަސައްކަތް ކުރި ޤަތަރު، މިޞްރު އަދި ތުރުކީ އަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މިއީ ޢަރަބި އަދި މުސްލިމު ދުނިޔެއަށާއި، އިސްރާއީލަށާއި، ވަށައިގެންވާ ހުރިހާ ޤައުމު ތަކަށާއި، އަދި އެމެރިކާ އަށް މަތިވެރި ދުވަހެއް،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ގެ ޕޯސްޓަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި، ޤަތަރުގެ ޚާރިޖީ ވުޒާރާ އިން ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި މި އެއްބަސްވުމުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށާއި، އިސްރާއީލުގެ ހުރިހާ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން ދޫކޮށްލެވޭނެ ކަމަށާއި، އަދި ޣައްޒާ އަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހަމާސް އިން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ "ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލު ސިފައިން އެތަނުން ފޭބުމާއި، އެހީ ވަނުމާއި، އަދި ގައިދީން ބަދަލުކުރުން ހިމެނޭ އެއްބަސްވުމަކަށް ވާސިލުވެފައިވާ" ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކުރި ގޮތުގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފާސްކުރުމަށް ބުރާސްފަތި ދުވަހު އޭނާގެ ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ: "މިއީ އިސްރާއީލަށް މަތިވެރި ދުވަހެކެވެ".

އިސްރާއީލުން ޣައްޒާގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަދުވެގެން 67،183 މީހުން ޝަހީދުވެ، 169،841 މީހުން ޒަޚަމްވެފައިވެއެވެ. އަދި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަޅުލެވިފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.

- ކޮމެންޓް