މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ލިބުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.
ޓްރަމްޕް ވަނީ އޭނާ އަށް ނޯބެލް ސުލްޙައިގެ އިނާމު ލިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ މިހާތަނަށް އޭނާގެ އިސް ނެގުމުގެ މަތިން އަށް ހަނގުރާމަ ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، ތަޖުރިބާކާރު ދެކޭ ގޮތުގައި މިއަހަރުގެ އިނާމު ޓްރަމްޕް އަށް ލިބުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް 339 ފަރާތަކުން ވަނީ ނަން ހުށަހަޅައިފަ އެވެ. ނޯބެލް ސުލްޙައިގެ އިނާމު ކޮމެޓީ އިން އިނާމު ލިބޭ ފަރާތް މި ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ އެވެ.
ގިނަ މާހިރު ވަނީ އެމެރިކާ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ނަތީޖާއާ މެދު ކަންބޮޑުވުން އޮތް ކަމަށް ފާހަގަ ކޮށްފަ އެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕްގެ ސުލްޙަވެރި ކަމުގެ ސިޔާސަތު، ނުވަތަ ދައުވާ އަކީ ވަކި މަޤުސަދެއްގައި ޓްރަމްޕް ދައްކަވާ ވާހަކަ ތަކެއް ކަމަށެވެ.
އޯސްލޯ ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ވެރިޔާ، ނީނާ ގްރޭގާ ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕްގެ އަމަލުތައް ހުރީ ނޯބެލްގެ މަޤުސަދުތަކާ ދުރުގަ އެވެ. އޭގެ ތެރޭގައި ބައިނަލްއަަޤުވާމީ އެއްބާރުލުމާއި، ޤައުމު ތަކުގެ އުޚުވަތްތެރިކަމާއި އަދި ހަތިޔާރު މަދު ކުރުން ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ސޫދާންގެ އިމަޖެންސީ ރެސްޕޮންސް ރޫމްސް، ރަޝިޔާގެ އިދިކޮޅު ފަރާތް ކަމަށްވާ އެލެކްސީ ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާ އަދި ޑިމޮކްރެޓިކް އިންސްޓިޓިއުޝަންސް އެންޑް ހިއުމަން ރައިޓްސް އޮފީސް ހިމެނެ އެވެ.
ނޯވީޖިއަން އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރު ހަލްވާޑް ލެއިރާ ވިދާޅުވެފައިވާ ގޮތުގައި، ފަހުގެ އަހަރު ތަކުގައި ނޯބެލް ކޮމެޓީ އިން އިސްކަން ދެމުން އައީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީ އާއި، ނޫސްވެރި ކަމުގެ މިނިވަންކަން އަދި އަންހެނުންގެ ޙައްޤުތަކާ ގުޅޭ ކަންކަމަށެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއަހަރު ކޮމެޓީ އިން އިޚްތިޔާރު ކުރާނީ މާ ބޮޑު ޚިޔާލު ތަފާތެއް ނޫފެދޭނެ ފަރާތެއް ކަމަށެވެ. އެގޮތުން އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް، ނުވަތަ ޔޫއެންއެޗްސީއާރް ފަދަ އދ ގެ މުއައްސަސާ އަކަށް ވެސް އިނާމު ލިބުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ނޯބެލް ސުލްޙައި އިނާމު ލިބެން ވާނީ އޭނާ އަށް ކަމަށެވެ. މިހާރު އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ގެންދަވާ ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އައިއިރު އަށް ހަނގުރާމަ ނިންމުމަށް ގެނައުމުގައި އޭނާގެ ދައުރު އޮންނާނެ ކަމަށެވެ.
މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފައިވާ ކަމަށް ބައެއް ޤައުމު ތަކުން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އިސްރާއީލް ހިމެނޭއިރު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނޯބެލް އިނާމު ކޮމެޓީ އަށް ފޮނުވި ސިޓީ ވެސް ޓްރަމްޕް އަށް ރައްދު ކޮށްފަ އެވެ.
އިސްރާއީލްގެ އިތުރުން އަޒަރުބައިޖާން ފަދަ ޤައުމު ތަކުން ވެސް ވަނީ ނޯބެލް އިނާމަށް ޓްރަމްޕްގެ ނަމަށް ތާއީދު ކުރާ ކަމަށް ހާމަކޮށްފަ އެވެ.