އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގައި ޤަތަރާއި ތުރުކީ އިން ބައިވެރިވާން ނިންމައިފި އެވެ.
މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ކުރިއަށްދާ ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ ތަކުގައިި ޤަތަރުގެ ބޮޑު ވަޒީރު އަދި ތުރުކީގެ ވަފުދު ބައިވެރިވާން ވަނީ ނިންމައިފަ އެވެ. އެގޮތުން ބުދަ ދުވަހު އޮންނަ ތިން ވަނަ ބުރުގެ މަޝްވަރާ ތަކުގައި ޤަތަރާއި ތުރުކީ އިން ބައިވެރިވާނެ އެވެ.
މި މަޝްވަރާ ތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މަޝްވަރާ ތަކެވެ. މި މަޝްވަރާ ތަކުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރު ކުރިއަށް ގެންގޮސްފައިވާއިރު، މިޞްރުގެ މީޑިއާ ތަކުން މަޝްވަރާތައް ސިފަ ކޮށްފައި ވަނީ ރަނގަޅު މަޝްވަރާތަކެއްގެ ގޮތުގަ އެވެ.
މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެމެރިކާގެ ރައީސް ޓްރަަމްޕް ވިދާޅުވެފައި ވަނީ މަޝްވަރާ ތަކުން ނަތީޖާ ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރެވޭނެ ފުރުސަތު ވެސް އެ މަޝްވަރާ ތަކުން ލިބިގެން ދާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ޣައްޒާގެ މައްސަލަ އަށް ވުރެ ބޮޑު ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އާއި އެންމެން ވެސް ބޭނުން ވަނީ ބަންދު ކޮށްފައިވާ މީހުން އަވަހަށް މިނިވަން ކުރުމަށް ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމާސް އާއި އިސްރާއީލް އިން އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ، އެމެރިކާ އިން ހުރިހާ ފަރާތަކުން ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުން ކަށަވަރު ކުރުމަށް ވީހާ ވެސް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ހުރިހާ ފަރާތަކާ މެދު ވެސް ހަމަހަމަ ގޮތެއްގައި ކަންތައް ކުރެވިގެން ދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަށް ދެ އަހަރު ވެފައިވާ ދަނޑިވަޅެއްގަ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އިން ފެށި ހަނގުރާމަ އަށް ދެ އަހަރު ވެފައި ވަނީ އަންގާރަ ދުވަހު އެވެ.
މަޝްވަރާ ތަކުގައި ހަމާސް ޖަމާއަތް ތަމްސީލު ކުރަމުން އަންނަނީ ޚަލީލް އަލް ހައްޔާ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ މުޅިން ނިމުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޓްރަމްޕް އާއި މެދުވެރިންގެ ފަރާތުން ބޭނުންވާ ކަމަށެވެ.
ޓްރަމްޕްގެ ޕްލޭންގައި ހުށަހަޅާފައި ވަނީ ހަނގުރާމަ ހުއްޓުވުމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާއި، އިސްރާއީލްގެ ޖަލު ތަކުގައި ބަންދު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމާއި، ހަމާސް އިން ހަތިޔާރު ބެހެއްޓުމާއި، އިސްރާއީލްގެ ސިފައިން މަޑު މަޑުން ޣައްޒާ އިން ފޭބުމެވެ.