ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އދ.ހަންޏާމީދޫގައި އިމާރާތްކުރި ކައުންސިލް އިދާރާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުޅުވައި ދެއްވައިފި އެވެ.
ހަންޏާމީދޫ ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވާފައި ވަނީ މިހާރު އެމަނިކުފާނު އެ އަތޮޅަަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންގާރަ ދުވަހު އެ ރަށަށް ވަޑައިގެންނެވެ.
އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ހަންޏާމީދު ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވާފައިވާއިރު، ރައީސް މުޢިއްޒު ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި އަންނަނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވަމުންނެވެ.
އެގޮތުން މަސައްކަތް ފަށައި، މަސައްކަތް ނިންމާފައިވާ މަޝްރޫއުތައް ވެސް ރައީސް މުޢިއްޒު އަންނަނީ ހުޅުވައި ދެއްވަމުންނެވެ. ކުރީ ސަރުކާރުން އަތޮޅު ތެރޭގެ ރަށް ތަކުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ސަރުކާރުން އެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މީގެ އިތުރުން ރައީސް މުޢިއްޒުގެ ސަރުކާރުން ރަށް ރަށުގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުން އަންނަނީ ފާޅު ކުރަމުންނެވެ. ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ގިނައިން ހުޅުވައި ދެއްވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެވެ.
އަދި އެ ދަތުރުފުޅު ތަކުގައި ބައެއް މަޝްރޫއުތަކުގެ ބިންގާ އަޅައި، ބައެއް މަޝްރޫއު ތަކުގެ އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް، އެއިން އެއްވެެސް މަޝްރޫއެއް ކުރިއަށް ގެންދާ ގޮތް ނުވާ ކަމަށް ގިނަ ރައްޔިތުން އަންނަނީ ފާހަގަ ކުރަމުންނެވެ.