ވެރިކަމަށް ވަޑައިގަންނަވަން ވިއްކެވި މެނިފެސްޓޯ އަކީ ގައުމީ ތަރައްގީ ގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދުތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އާދީއްތަ ދުވަހުގެރޭ ކަލާފާނު ސްކޫލުގައި ބޭއްވި ހަފްލާފައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނު އިންތިހާބު ކޮށްފައި ހުރީ ރައްޔިތުންނަށް ހުށަހެޅި ކަންތައްތަކާ އެކީގައި ރައްޔިތުން ބަލައިގަނެގެން ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ވޯޓު ދެއްވީ މެނިފެސްޓޯ އަށް، ވައުދުތަކަށް ކަމަށާއި، އެހެންކަމުން ރައްޔިތުން ވިސްނުން ހުރި ގޮތް އެބަ އެނގޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޮޑެތި ކަންކަން ނިންމާ އިރުގައި ރައްޔިތުންގެ ވިސްނުން އެނގި ކަންކަން ނިންމަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރައްވަނީ ރައްޔިތުން ގެ ވިންދާ އިހުސާސް އެނގިހުރެ ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް ރައްޔިތުންނަށްޓަކައި ކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެކަންކަން މި ކުރަނީ އަޅުގަނޑަށް އެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމާ ރައްޔިތުން ބޭނުންވާ ގޮތަކީ އެއީކަން. ހިޔާލާ މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން. ނެޝަނަލް ޑިވަލަޕްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ވެސް ފަށައިގެން މިއުޅެނީ. މިތަނުން ބޭފުޅަކު ސުވާލެއް ކުރި ޕްލޭނެއްގެ ތެރެއިން ކަން ކުރިއަށް ގެންދާށޭ. ޕްލޭނެއްގެ ތެރެއިން ދަނީ. މެނިފެސްޓޯ އަކީ ޕްލޭނެއް. ވައުދުތަކަކީ އެ ޕްލޭންގެ ތެރޭގައި ހުރި ކަންކަން. ގައުމީ ތަރައްގީގެ ޕްލޭން މި ހަދަނީ އެންމެ ދުވަހަކަށް ނޫން. 20 އަހަރު ދުވަހަށް ހަދާ ޕްލޭނެއް މިއޮތީ. އެއީ ވެސް ހަމަ ވައުދެއް. ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި މަޝްވަރާ ކުރެވިއްޖެ. އެންޖީއޯތަކާއި މަޝްވަރާ ކުރެވިއްޖެ. ފުލް ލިސްޓް އެބައޮތް.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް ވިދާޅުވީ ކަންކަން ކުރައްވަނީ މަޝްވަރާގެ އުސޫލުން ކަމަށާއި، ބައެއް ކަންކަން ރައްޔިތުންގެ ވިންދާ އިހުސާސާއި ގުޅޭ ކަންކަން އެނގޭތީ، ބައެއް ކަންކަން އެ އޮންނަ އުސޫލުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނަންވާ ކަމަށެވެ.
ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 16 ސެޕްޓެމްބަރު 2024 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެ ޕްލޭން އެކުލަވާލަން ނިންމާފައިވާ އިރު، މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާއި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށެވެ.