ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. އެހެން ކަމުން މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކަމުން ދަނީ ރަސްމީ ރޭޓަށް ވުރެ 5.08ރ. ބޮޑުކޮށެވެ.
ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20ރ. އާއި 20.05 ދެމެދު އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭރުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާ އަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކުރިން ރައީސް އާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.