އީރާން އިން ފައްކާ ކޮށްފައިވާ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް، އެމެރިކާ އިން އެދިފައިވާ ކަމަށް، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.
އދ ގެ ނިއުކްލިއަރ ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކޮށްފައިވާ ފަރާތުން މި މަހުގެ ކުރީ ކޮޅު ހާމަ ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، މިއަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އީރާންގައި 60 އިންސައްތަ އަށް ފައްކާ ކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު 440.9 ކިލޯގްރާމް އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ މެއި މަހާ އަޅާބަލާއިރު، 32.3 ކިލޯގްރާމްގެ އިތުރުވުމެކެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އެމެރިކާ އިން އެދިފައި ވަނީ އީރާން އިން ފައްކާ ކޮށްފައިވާ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަަށް ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައްް ތިން މަސް ދުވަހުގެ ތެރޭގައި އުވާލާނެ ކަމަށް ބުނެފައިވާ ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ޕެޒެޝްކިއާން ވަނީ ސުވާލެއް ވެސް އުފައްދަވައިފަ އެވެ. އެގޮތުން އެފަދަ މަކަރުވެރި ރޭވުމެއްގައި ނުވަތަ މަކަރުވެރި ދަލެއްގައި އީރާން އިން ޖެހެންވީ ކީއްވެގެންތޯ ޕެޒެޝްކިއާން ސުވާލު އުފެއްދެވި އެވެ. ޕެޒެޝްކިއާން ވިދާޅުވެފައިވާ ގޮތުގައި، އީރާނާ އެކު އެއްބަސްވުމަކަށް ނާދެވޭ ގޮތަށް ޔޫރަޕުގެ ޤައުމު ތަކަށް ވެސް އެމެރިކާ އިން ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
އެކަން ފާހަގަ ކުރައްވައި ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، ނިއުކްލިއަރ ހަތިޔާރު ތަރައްޤީ ކުރުމުގެ އެއްވެސް ނިޔަތެއް އީރާންގެ ނެތް ކަމަަށެވެ. މީގެ ކުރިން ވެސް، އެކި ފަހަރު މަތިން ޕެޒެޝްކިއާން ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. ޕެޒެޝްކިއާން ވިދާޅުވީ އިސްރާއީލް އަދި އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ އީރާންގައި އޮތް ވެރިކަން ވައްޓާލުމަށް ކަމަށެވެ.
ޔުރޭނިއަމް ފައްކާ ކުރުމުގެ މައްސަލައިގައި އީރާން އާއި އެމެރިކާއާ ދެމެދު ދެބަސްވުންތައް އުފެދިފައިވާއިރު، ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ އެމެރިކާގެ އެ އެންގުމަކީ އެއްވެސް ގޮތަކަށް އީރާން އަށް ޤަބޫލު ކުރެވޭނެ އަދި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ކަންތައްތަކާ ގުޅިގެން އީރާން އިން ވަނީ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަަރުމަނުގައި ތިބި އެ ޤައުމުގެ ސަފީރުން އަނބުރައި ގެނެސްފަ އެވެ. މިއީ އެ ތިން ޤައުމުން ވެސް އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ވާހަކަތައް ދައްކައި، އެކަން ތަންފީޒު ކުރުމުގެ މަރުހަލާ ފަށަން ތައްޔާރުވެފައިވާތީ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.