އެމެރިކާ އިން އީރާން އަޅުވެތި ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެމެރިކާގެ އަޅުވެތި ކަމަށް ބޯ ގުދު ނުކުރާނެ ކަމަށް، އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އީރާންގެ ވެރި ރަށް ތެހެރާންގެ މިސްކިތެއްގައި ޚާމަނާއީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ޖޫން މަހު އިސްރާއީލް އަދި އެމެރިކާ އިން އީރާންގެ ނިއުކްލިއާ ތަންތަނަށް ދިން ހަމަލާ ތަކަކީ އީރާން ހަލާކުކޮށްލުމަށް ރޭވިގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.
ޚާމަނާއީ ވިދާޅުވީ އީރާން އަށް ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހު، އެމެރިކާގެ އެޖެންޓުން ޔޫރަޕަށް ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި އީރާންގެ ވެރިކަން ނިންމުމަށް ފަހު، ދެން އީރާން ހިންގާނީ ކޮން ސަރުކާރަކުން ކަމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.
އިސްރާއީލް އިން އީރާން އަށް ދިން ހަމަލާގެ ސަބަބުން ފެށުނު ހަނގުރާމަ 12 ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔައިރު، އީރާންގެ ހަތިޔާރުވެރި ބާރުތަކާއި، ސަރުކާރު އަދި އެ ޤައުމުގެ ރައްޔިތުން އެކަތި ގަނޑެއްގެ ގޮތުގައި އެ ސަފެއްގައި ތިބެ، ދުޝްމަނުންނަށް ވަރުގަދަ ޖަވާބު ތަކެއް ދެވުނު ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.
އީރާންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމާއި، ގޮތް ނިންމުމުގެ ބާރު ލިބިގެން ވަނީ އެ ޤައުމުގެ ރޫޙާނީ ލީޑަރު ޚާމަނާއީ އަށެވެ. ޚާމަނާއީ ވިދާޅުވީ ބޭރުގެ ބާރު ތަކުން އީރާންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަަމށެވެ.
ނަމަވެސް، މާތް ﷲގެ ވާގިފުޅާ އެކު މިއަދު އީރާން އޮތީ އެއްބައިވަންތަ ކަމުގައި ކަމަށް ޚާމަނާއީ ވިދާޅުވި އެވެ. ކޮންމެ ވެސް މިންވަރެއްގެ ޚިޔާލު ތަފާތުވުން ތަކެއް ހުރި ނަމަވެސް، ނިޒާމު ދިފާއު ކުރުމާއި، ޤައުމު ދިފާއު ކުރުމާއި، އަދި ދުޝްމަނުންނާ ދެކޮޅަށް ތެދުވުމުގައި ރައްޔިތުން އަދި ވެސް ތިބީ އެއް ސަފެއްގައި ކަމަށް ޚާމަނާއީ ފާހަގަ ކުރެއްވި އެވެ.
އީރާން އާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައިވާއިރު، 1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބަށް ފަހު އީރާން އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ކެނޑިފަ އެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ އެތައް ފިޔަވަޅެއް އަޅައިފަ އެވެ. އެންމެ ފަހުން އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ފިޔަވަޅު ތަކަކީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ދެކޮޅަށް އެޅި ފިޔަވަޅު ތަކެވެ.
އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ތުހުމަތު ކޮށްފައިވާ ގޮތުގައި އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރެ އެވެ. ނަމަވެސް، އީރާން އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ފަރާތުން އީރާން އަށް ކޮށްފައިވާ ތުހުމަތުތައް ވެސް އެ ޤައުމުން ވަނީ ދޮގު ކޮށްފަ އެވެ.
އީރާން އާއި އެމެރިކާއާ ދެމެދު ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ މަޝްވަރާތަކެއް ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، ވަކި ހިސާބަކުން ވަނީ އެ މަޝްވަރާތައް މަޑު ޖެހިފަ އެވެ. އެއީ އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން ފެށުނު ހަނގުރާމައާ ގުޅިގެންނެވެ.
އަންގާރަ ދުވަހު އީރާން އާއި، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުން ނިއުކްލިއާ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އީރާން އާއެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ޔޫރަޕުގެ ބާރުތަކުން ވަނީ ދީފަ އެވެ.