މިނިވަން މުއައްސަސާތަކުގެ ކޮމިިޓީން މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ރިޕޯޓު ފާސްކުރީ ވެސް މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށާއި އެފަދަ ބިލެއް މަޖިލީހުން ފާސްކުރި ނަމަވެސް އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާން ނުޖެހޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލް ފާސްނުކުރުމަށް ގޮވާލައި މަޖިލިސް ދޮށުގައި އަންގާރަ ދުވަހު ކުރި މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މީޑިއާ ކޮންޓްރޯލް ބިލު ކޮމިޓީން ފާސްކުރީ އަންގާރަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިހުތިޖާޖު ކުރަމުން ގެންދަވަނިކޮށް ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ބިލް ކިޔާލުމުގެ ފުރުސަތު ވެސް ނުދީ އެވެ.
ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކޮމިޓީން ބިލް ފާސްކުރިއިރު، އަންގާރަ ދުވަހު ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވައި ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއެކު، މިނިވަން މީޑިޔާ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ.
މިބިލު ފާސްކޮށްފައި ވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށެވެ.
މިކަމަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ ކުރީގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީތައް ހިންގި ބޭފުޅެއްގެ ހައިސިއްޔަތުން ބުނާނަމަ އަންގާރަ ދުވަހު ބިލުގެ ރިޕޯޓު ފާސްކުރަން ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކަންކަން ދިޔައީ މުޅިން ގަވައިދާ ޚިލާފަށް ކަމަށެވެ.
ރޮޒައިނާ ވިދުވީ ކޮމިޓީން ރިޕޯޓެއް ފާސްކުރާއިރު، އެ ކޮމިޓީއެއްގައި ހިމެނޭ ހުރިހާ މެމްބަރުންނަށް ވެސް ހަމަހަމަކަމާއި އެކު ފުރުސަތު ދޭއްޖެހޭނޭ ކަމަށާއި ނަމަވެސް އެ ރިޕޯޓު ފާސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެގޮތަށް ކަމަށެވެ. އެހެންކަމުން އެއީ އެއްގޮތަކަށް ވެސް ކަން ހިނގައިގެންވާނޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ގަވައިދާއި ޚިލާފަށް ކޮމިޓީން ފާސްކުރި ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އެހޭނޭ އެއްވެސް ގޮތެއް ނޯންނާނޭ ކަމަށެވެ. އެގޮތުން ސައްޚަ ނޫން ރިޕޯޓަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަކަށް ވެސް ނޭހޭ ކަމަށާއި އަދި އެ ގޮތަށް ނަގާ ވޯޓަކުން ފާސްކުރާ ބިލެއް ސައްޚަ ނުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީއަށް ހުށަހަޅާފަ އޮތް މައްސަލައަށް ކައުންސިލް ޖެނެރަލް ލަފާތަކެއް ދީގެން އެ ބަދަލުކުރެވޭ ކަމަށްވަންޏާމު، ކޮންމެ އިސްލާހެއް ވަކިވަކިން އެތަނުގައި ވޯޓަށް އަހަން ޖެހޭނެ. އެ އިސްލާހުތައް ވަކިވަކި މެމްބަރުންނަށް ކިޔައިދީފަ ވޯޓަށް އަހާފަ ދެން މުޅި ގާނޫނަށް އެއްކޮށް ވޯޓަށް އަހަން ޖެހޭނީ. އެނޫން ގޮތަކަށް އެ ބަދަލުތައް ކޮމިޓީއަކުންނެއް އެގޮތަކަށް ނުގެނެވޭނެ. އެހެންވީމަ އޮޕޮޒިޝަން މެމްބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދީ އެ ފުރުސަތު ގެއްލުވާލާ، ކައުންސިލް ޖެނެރަލް ދެއްވި ލަފަޔަކީ ކޮބައިކަން ވެސް ނާންގާ ނުދައްކާ، އެގޮތަށް އެކަން ކޮށްގެންނެއް އެއީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ގާނޫނެއް ނޫން.
ކުރީގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް![]()
ރޮޒައިނާ އިތުރަށް ވިދާޅުވީ ހުރިހާ އެންމެންނަށް ވެސް ހަމަހަކަމާއި އެކު އޮންނަ ޕްރޮސެއްގެ ތެރެއިން ފުރުސަތު ދީގެން، އޮންނަ އުސޫލުތަކާއި އެއްގޮތަށް ގެންދާ ގާނޫނެއް ނޫންނަމަ އެ ގާނޫނަކަށް ތަބާވަން ނުޖެހޭނޭ ކަމަށެވެ. އަދި ގަދަކަމުން ބޭނުންހާ ގޮތަކަށް ފާސްކުރާ ގާނޫނަކަށް އެއްވެސް ރައްޔިތަކު ތަބާވާން ނުޖެހޭނޭ ކަމަށް ރޮޒައިނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަށް އިދިކޮޅުގައި ތިއްބެވި މަދު މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކު މައްސަލައެއް ހުށަހެޅި ނަމަވެސް ހުރިހާ މެމްބަރުންނަށް ވެސް ހަމަހަމަކަމާއި އެކު ޖާގަދީގެން މަޞްވަރާ ކުރެވިގެން ނޫން ގޮތަކަށް ބިލެއް ފާސްނުކުރާ ކަމަށެވެ.
އެހެން ނަމަވެސް މިއަދު މި އޮތް ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކަންކަން ކުރަމުންގެންދަނީ އިދިކޮޅު މެމްބަރުން ބާކީ ކޮށް، އެ މެބްރުންނަށް ފުރުސަތު ދިނުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.