Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 09:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އެމެރިކާ-އިސްރާއީލް
އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ މައުލޫމާތު ކުރިން ލިބިފައި ނެތް: ޓްރަމްޕް
އިސްރާއީލްގެ އިސް އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސްގައި ބުނެފައި ވަނީ، އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމުގެ ކުރިން އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އެކަމުގެ މައުލޫމާތު އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދީފައިވާ ކަމަށެވެ.

ޤަތަރުގެ ވެރި ރަށް ދޯހާ އަށް އަމާޒުކޮށް އިސްރާއީލް ދީފައިވާ ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނުވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިސްރާއީލްގެ އިސް އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސްގައި ބުނެފައި ވަނީ، އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމުގެ ކުރިން އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އެކަމުގެ މައުލޫމާތު އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަމަލާ ދިނުމުގެ ކުރިން އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އެ ފަދަ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ. ޓްރަމްޕް ބުނީ ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން މިސައިލްތައް ފޮނުވާލުމުގެ ކުރިން އެކަމުގެ އެއްވެސް މައުލޫމާތެއް އެމެރިކާ އަށް ދީފައި ނުވާ ކަމަށާއި، އެހެންވެ އެ ހަމަލާ ހުއްޓުވާނެ އެއްވެސް ފުރުސަތެއް ނުލިބުނު ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އިސްރާއީލް އިން ޤަތަރަށް ހަމަލާ ދީފައި ވަނީ، ހަމާސްގެ އިސް އޮފިޝަލުން ތަކެއް ޤަތަރުގައި ތިއްބަވަނިކޮށް، އެ ބޭފުޅުންނަށް އަމާޒުކޮށެެވެ. އެ ހަމަލާގެ ސަބަބުން ސަރަހައްދުގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެކަމާ ގުޅިގެން މެދު އިރުމަތީގެ ޤައުމުތަކާއި، ދުނިޔޭގެ އެކި ކަންކޮޅު ތަކުން ވަނީ އިސްރާއީލް އަށް ނުރުހުން އަމާޒުކޮށްފަ އެވެ.

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިންއިރު، މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އެކަމުގައި އޭނާގެ އެއްވެސް އަތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، ޤަތަރުގައި ތިބި ހަމާސްގެ އިސްވެރިންނަށް ހަމަލާ ދޭން ބޭނުންވާ ކަމަށް ނަތަންޔާހޫ ޓްރަމްޕް ގާތު ބުނެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.

އެކްސިއޯސްގެ ރިޕޯޓާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، އެ ހަމަލާ އަކީ މުޅިން މިނިވަން ހަމަލާއެއް ކަމަށާއި، އެއީ އިސްރާއީލްގެ އޮޕަރޭޝަނެއް ކަމަށެވެ. ނަތަންޔާހޫ މިހެން ވިދާޅުވެފައިވާއިރު، އޭނާ އާއި އެމެރިކާގެ ރައީސް ޓްރަމްޕް އަކީ ވަރަށް ގާތް ގުޅުން އޮންނަ ދެ ބޭފުޅުންނެވެ. ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ކުރާ ކޮންމެ ކަމެއް ޓްރަމްޕް އިނގޭނެ އެވެ.

އެމެރިކާ އަކީ އިސްރާއީލްގެ އިތުރުން ޤަތަރާ ވެސް ގާތް ގުޅުމެއް ބާއްވާ ޤައުމެވެ. ޚާއްސަކޮށް، ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި އެމެރިކާ އިން އަންނަނީ ޤަތަރާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ ތެރެއިން އެންމެ ބޮޑު ބޭސް ވެސް ހުންނަނީ ޤަތަރުގަ އެވެ. އެހެންވެ، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާ އެމެރިކާ އިން ވެސް ކުށްވެރި ކޮށްފައިވެ އެވެ.

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދީފައިވާއިރު، ޤަތަރަކީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. އެމެރިކާ އިން ވެސް ބުނެފައި ވަނީ، ޤަތަރަކީ ވަރަށް ރަނގަޅު ޤައުމެއް ކަމަށާއި، އަދި ޤަތަރުން އަންނަނީ ހަނގުރާމަ ނިންމުމަށް ވަރަށް ރަނގަޅު މަސައްކަތެއް ކުރަމުން ކަމަށެވެ.

ޤަތަރަށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ދާދި ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އިސްރާއީލް އަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ރޫބިއޯ ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް