Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 18:41
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަނީ: ނޫސްވެރިން ބުނާ ގޮތުން ބިލް ފާސްކުރީ ކުރިޔަށް ވުރެވެސް ނުރައްކާތެރިކަން ބޮޑުވާ ގޮތަށް އިސްލާހުތައް ގެނެސްގެން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަނީ: ނޫސްވެރިން ބުނާ ގޮތުން ބިލް ފާސްކުރީ ކުރިޔަށް ވުރެވެސް ނުރައްކާތެރިކަން ބޮޑުވާ ގޮތަށް އިސްލާހުތައް ގެނެސްގެން
ރާއްޖެއެމްވީ
މީޑިއާ ބިލު
ބިލު އިސްލާހު ކުރީ ހަރުކަށި އުސޫލުތަކާއި އެކު ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރެވޭގޮތަށް: ނޫސްވެރިން
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރީ ހަރުކަށި އުސޫލުތަކާއި އެކު ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރެވޭގޮތަށް
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް ބިލުގައި އޮތް
މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން

ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރީ ހަރުކަށި އުސޫލުތަކާއި އެކު ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރެވޭގޮތަށް ހީލަތްތެރިކަމާއި އެކުގައި ކަމަށް ނޫސްވެރިން ބުނެފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ބިލް ފާސްކުރީ އެ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހުގަ އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލަށް ސަރުކާރުގެ ފަރާތުން ވަނީ ބައެއް އިސްލާހުތައް ގެނެސްފަ އެވެ. އެހެން ނަމަވެސް އެ އިސްލާހުތަކަކީ މިހާރު ހުރި މާއްދާ ތަކަށް ވުރެވެސް ނުރައްކާތެރި އިސްލާހުތަކެއް ކަމަށް ނޫސްވެރިން ވަނީ ބުނެފަ އެވެ.

ބިލް ފާސްކުރި ކޮމިޓީ ބައްދަލުވުމަށް ފަހު ނޫސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ބުނީ ބިލު ފާސްކުރީ ވެސް ބިލުގައި ހުރި ހަރުކަށި ގޮތްތަކާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ހިމަނާފައި ހުރި މާއްދާތަކަށް ބަދަލެއް ނުގެނެސް ކަމަށެވެ. އަދި މިހާރު ގެނެސްފައި ހުރި އިސްލާހުތަކުގެ ސަބަބުން އެ ބިލު އިތުރަށް ގޯސްވެގެންދާނޭ ކަމަށް ވެސް ނޫސް ވެރިން ބުނެއެވެ.

އެގޮތުން މިނިވަން މުއައްސަސަތާ ބެހޭ ކޮމިޓީއިން ބިލަށް އިސްލާހު ގެނެސް ބިލު ފާސް ކުރިއިރު، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓް ކުރާ ހަތް މެންބަރުންގެ ކޮމިޝަނުގައި ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރާ ތިން މެންބަރު ތިބޭ މާއްދާއަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ނޫސްވެރިން ފާހަގަ ކުރި އެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އަދިވެސް އޮތީ ލިބޭ ގޮތަށް ކަމަށާއި އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް ބިލުގައި އޮތް ކަމަށް ނޫސްވެރިން ވަނީ ބުނެފަ އެވެ.

އަދި އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ ކަމަށާއި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތަކަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް ނޫސްވެރިން ބުނެފައި ވެއެވެ.

މީގެ އިތުރުން މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށް ވެސް ނޫސްވެރިން ބުންޏެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވަމުންނެވެ.

- ކޮމެންޓް