މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި އެވެ.
ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ ހައިސިއްޔަތުން، އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، [މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން] ގެ މެންބަރުކަމަށް ތިން ބޭފުޅަކު ވަނީ އަންގާރަ ދުވަހު ޢައްޔަންކުރައްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ.
އެގޮތުން މީޑިއާތަކުން އިންތިޚާބުކުރި 4 މެންބަރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް 13 އޮކްޓޫބަރު 2025 ގައި ވަނީ ހަމަޖައްސަވާފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންނެވެ.
މިކޮމިޝަނަށް ހަތަރު މެމްބަރުން އައްޔަންކޮށްފައިވަނީ، މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ފުރުސަތުގައި ބޭނުންވާ ވަރަށް ވުރެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމާއެކު ވޯޓަކާއި ނުލާ ހަތަރު މެންބަރަކު އިންތިހާބުވުމާއި ގުޅިގެންނެވެ.
އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން ޙުސައިން ޘަޤީފެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މި ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ބުނެ އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް އިން ވަނީ ވިދާޅުވެފައެވެ. އަދި އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް، ރިޕޯޓާސް ވިތައުޓް ބޯޑާސް އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް ފަދަ ޖަމިއްޔާތަކުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ.
ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި، ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި، ސަރުކާރުގެ ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައި މި ބިލު ވަނީ ފާސްކޮށްފައެވެ. އަދި މީޑިއާތަކުން ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ މި ގާނޫނު ރައީސް މުއިއްޒު ތަސްދީގުކުރެއްވީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.
މިޤާނޫނު ފާސް ނުކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިންވަނީ މުޒާހަރާކޮށް ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ބިލް ފާސްކޮށް، ޤާނޫނު ތަސްދީގުކުރުމާއި އެކު އަލަށް އުފެދުނު ބްރޯޑްކާސްޓިން ކޮމިޝަން، ރާއްޖޭގެ ގިނަ މީޑިއާތަކުން ވަނީ ބޮއިކޮޓްކޮށް، އިންތިހާބުވެސް ބޮއިކޮޓްކޮށްފަ އެވެ.