ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަން ރައީސް މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިކަން އިޢުލާންކުރައްވާފައި ވަނީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަންގާރަ ދުވަހު ހަވީރު، ގަޑިން 05:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވުނީ ކަމަށް އަންގާރަ ދުވަހުގެ ރޭ މުއިއްޒު ގަމުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި އެއްވަސް ވަރަކަށް ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތްކަމަށެވެ. އަދި އެފަދަ ރަށްރަށުގެ މީހުން ފުލުހުންގެ ޚިދުމަތަށް ބަރޯސާވާން ޖެހިފައި ތިބީ އަވަށްޓެރި ރަށްރަށަށް ކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެނީ، އެންމެ 17 ރަށުގައި ކަމަށާއި، އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތި އުނދަގޫތައް ކުރިމަތި ވަމުން ދިޔަކަން ވެސް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް މި އަހަރު ނިމޭއިރު، 130 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވެ، މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި، ޤާއިމުވެ ތިބެ، ފުލުހުން ޚިދުމަތްދެމުން ގެންދަވާނޭކަމުގެ ޔަޤީންކަން މުއިއްޒު ދެއްވިއެވެ.