ޤަތަރުގެ ވެރި ރަށް ދޯހާ އަށް އަމާޒުކޮށް، އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިސްރާއީލް އަށް ފާޑު ވިދާޅުވެއްޖެ އެވެ.
މި ދަނޑިވަޅަކީ އިސްރާއީލް އާއި ޤަތަރާ މެދު އުފެދިފައިވާ ހިތްހަމަ ނުޖެހުންތައް ގޯސްވަމުން އަންނަ ވަގުތެކެވެ. މިފަދަ ވަގުތެއްގައި ޓްރަމްޕް މި ވަނީ އަނެއްކާ ވެސް އިސްރާއީލް އަށް ފާޑު ވިދާޅުވެފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޤަތަރަކީ ވަރަށް ރަނގަޅު ޤައުމެއް ކަަމަށާއި، އެއީ އެމެރިކާއާ އިންތިހާ އަށް ރަޙުމަތްތެރި ޤައުމެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލް އަދި އެހެން ޤައުމު ތަކުން ވެސް އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
ހަމަ އެހެންމެ، އެހެން ބަޔަކަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ކުރިން އެންމެން ވެސް އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މުހިންމު މަޝްވަރާ ތަކުގައި ތިއްބަވަނިކޮށް، ހަމާސްގެ އިސް ވެރިންނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާ މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި އިސްރާއީލް އަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެ އެވެ.
ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް ހިމެނޭ ގޮތަށް އެތައް އަރަބި އަދި މުސްލިމް ލީޑަރުންނަށް ދޯހާ އަށް ވަޑައިގެން، އެކުވެރިކަން ދައްކުވައިދީފަ އެވެ.
އެކަމާ ގުޅިގެން ޤަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ ވިދާޅުވެފައި ވަނީ، ދެފުށް ދެގޮތަށް ކަންތައް ކުރުން ހުއްޓާލައި، އިސްރާއީލް ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ.
އިސްރާއީލް އަށް އަމާޒުކޮށް ޓްރަމްޕް ފާޑު ވިދާޅުވެފައިވާއިރު، އެމެރިކާ އާއި ޤަތަރަކީ ވަރަށް ގާތް ގުޅުން އޮންނަ ދެ ޤައުމެވެ. އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ ތެރެއިން، އެންމެ ބޮޑު އަސްކަރީ ބޭސް ހުންނަ ޤައުމަކީ ވެސް ޤަތަރެވެ.