އއ.ބޮޑުފުޅަދޫގައި ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމަކީ ''ވޯތު'' ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު ވިދާޅުވީ އެރަށުގެ ބަނދަރު ޒާމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެރަށުގައި ހޭޑްބޯލް ކޯޓެއް އެޅުމާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ކްލާސް ރޫމުގެ މަސައްކަތް ހިމެނޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.
އޯގަސްޓް މަހު ރައީސް މުއިއްޒު އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެރަށަށް ވަޑައިގަންނަވައި ހޭޑްބޯލް ކޯޓުގެ ބިންގާ އަޅުއްވައިދެއްވައި، ސްކޫލުގެ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވި ކަމަށެވެ. ނަމަވެސް މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަނދަރުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސުޖާއު ވިދާޅުވީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކައުންސިލުން ބަނދަރު ތަރައްގީ ކުރަން ބޭނުންވާ ކޮންސެޕްޓް ސަރުކާރަށް ހުށަހެޅި ކަމަށާއި، ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކަމަށް ދެކޮޅު ހައްދަވައި އެއީ ވޯތު ކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އަޅުގަނޑުމެންނަށް ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ބަނދަރު ތަރައްގީ ކުރުމުގެ ކޮންސެޕްޓް ޑިޒައިނެއް އަޅުގަނޑުމެންނަށް ކަމާގުޅޭ ވުޒާރާއިން ފޮނުވި ދެން އެކަމާ ގުޅޭގޮތުން އަޅުގަނޑުމެން އެ ރައްޔިތުންނާ މަޝްވަރާކުރިން ހިއްކާފައި އޮތް ސަރަހައްދުން ބޮޑު ބައެއްކަނޑާލާފައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާތީ. މަސައްކަތް ކުރުމަށް ކޮންސެޕްޓް ޑިޒައިން ހެދިފައިވާތީ. ދެން ރައްޔިތުން ބޭނުންވީ އެނޫން ގޮތަކަށް ހަމަ ޑިޒައިންކޮށް ކުރިއަށް ގެންދަން. އެހެންވީމަ އަޅުގަނޑުމެން އެޑިޒައިން ހެދީ ބިމުން ބައެއް ނުގެއްލޭ ގޮތަށް ރައްޔިތުންނަށް ބަނދަރުގެ ފަސޭހަކަން ލިބިގެންދާނެ ގޮތަށް ރައްޔިތުންގެ ބައްދަލުވުމެއްގެ އިއްތިފާގުން ފާސްކުރީ މިގޮތަށޭ އަޅުގަނޑުމެން ބޭނުންވަނީ ބަނދަރު އޮންނަން. ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ދަތުރުފުޅުގައި ހަމަ މިވާހަކަ މިގޮތަށް ކައުންސިލުން މިހިއްސާކުރީ. ކަމާގުޅޭ ވުޒާރާއިން މުއްތަލިބު މި ވިދާޅުވަނީ ވޯތެއް ނޫނޭ. މިކަހަލަ ރަށަކަށް އެކަމެއް ވޯތެއް ނޫނޭ. އެހެންވީމަ ހަގީގަތުގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް އެބައޮތް. ވޯތެއް ނޫނޭ އެބުނި ބަހުގެ މާނާގައި އަޅުގަނޑުމެންނަށް ނެނގުނު މުއްތަލިބު ފުރަން ވަޑައިގެން މިރަށުގެ ބައެއް ކުދިންގެ ގާތުގައި ބުނުއްވާފައި އެބަހުރި މިރަށަށް މިވަރުގެ ކަމެއް ކޮށްދެއްވާފިއްޔާ އެހެން ރަށްތަކަށް ވެސް ކޮށްދެއްވަންވާނޭ. ހަގީގަތުގައި މިއީއަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. އެހެން ރަށެއްގެ ކަންބޮޑުވުމެއް ނޯންނާނެ މިރަށަކަށް ހަދައިދޭ ބަނދަރެއްގެ ސަބަބުންނެއް. އެހެންވީމަ މިސާލަކަށް ބައެއް ރަށްރަށުގައި އެއަރޕޯޓު އެބަ އަޅުއްވާ. އެހެންވީމަ އަޅުގަނޑުމެން އެއަރޕޯޓެއް ބޭނުންވާނޭ.
ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް![]()
ސުޖާއު ވިދާޅުވީ މީގެ ކުރިން ކުދި އާބާދީތަކަށް ވޯތު ނޫން ގޮތަށް އަމަލުކުރި ކަމަށާއި، އެދުވަސްވަރު އަސާސީ ޚިދުމަތްތަކުން މަހުރޫމްކުރި ކަމަށެވެ. އަދި ކުދި އާބާދީތަކުގައި ވެސް ދިރިއުޅެމުންދަނީ ދިވެހިން ކަމަށާއި، ހައްގުތަކާއި، ޚިދުމަތްތައް ކަށަވަރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ބަނދަރުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ވޯތު ނުވުމުން އެރަށުގެ ރައްޔިތުންނަށް މިއަދު މި ސަރުކާރު ވޯތު ނޫން ކަމަށެވެ. ސަރުކާރުގެ މިއަމަލުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއްއައި ކަމަށާއި، މިއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.