މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގދ. ގައްދޫ ރައްޔިތުން މި ސަރުކާރު މަތިން އުއްމީދު ކަނޑާލައިފި އެވެ.
ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން ގދ. ގައްދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި މީހުންނާއި އެރަށުގެ އާންމުންނާއި ވާހަކަ ދައްކާލި އެވެ. އެގޮތުން މިއިން ކޮންމެ ރައްޔިތެއްގެ މޫނު މަތިން ވެސް ފެނުނީ ނާއުއްމީދެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި 'މަޑޭ' ބުނީ ރަށުން މިހާރު ވެސް ފެންނަން ހުރީ މިދިޔަ ސަރުކާރު ނިމުނު އިރުގައި ކޮށްފައިވާ މަސައްކަތްތައް ކަމަށެވެ. އެގޮތުން މަގުތަކުގައި ތާރުއެޅުމާއި އައު އިންޖީނުގޭގެ އިމާރާތް ހިމެނޭ ކަމަށެވެ. އޭނާ ބުނީ އެ މަސައްކަތްތައް އެއްކޮށް ނުނިމުނު ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް 2 އަހަރުވި އިރުވެސް އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
އެބުނާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ގައްދޫގައި ނުހިނގާ. އެންމެ ކުޑަމިނުން އެއިން ގަމުން މުޑިއެއް ކަނޑައިގެން އައިސް ބަނދަރުމަތީގައި މުޑިއެއްވެސް އިންދާފައި ނެތް. އެވަރުގެ ކުޑަ މަސައްކަތެއް ވެސް މި ރަށުގެ ތަރައްގީއަށް ސަރުކާރުން ނެތް ފަށާފައި. ހުއްޓިފައި ހުރީ ހުރިހާ ކަމެއް. މަގުތަކެއް ވެސް ނުނިމޭ. އިންޖީނުގެ އެއްކޮށް ގަސް ފަޅާފައި އެއޮތީ. އަނެއްކޮޅުން މިދިޔަ ސަރުކާރު ނިމުނު އިރުގައި މަސައްކަތަށް ގެެނެސްފައި ހުރި ގަލާ އެއްޗެހި ވަގަށް ނަގައިގެން އެކި ދިމަދިމާލަށް ގެންގޮސް އެކަހަލަ ކަންތައްތައް ވެސް އެބަ ހިނގާ.
މަޓޭ - ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހެއް![]()
މަޑޭ ބުނީ ހުވަދު އަތޮޅުގެ އެންމެ ބޮޑު އަޣުލަބިއްޔަތުން މުއިއްޒު ހޮވީ ގައްދޫ އިން ކަމަށެވެ. އަދި ދޮގު ހަދާހަދާ މިހާރު ހުރީ މުރުތައްދުވާ ހިސާބުގައި ކަމަށާއި، ބުނި އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި ނީލާ ބުނީ މިހާރު މިއޮތް ހާލަތާއި މެދު ގައްދޫ ރައްޔިތުން ތިބީ ވަރަށް ހިތް ނުތަނަވަސް ވެފައި ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ މި ސަރުކާރު ގައްދޫ ރައްޔިތުން ގެނައީ ވަރށް ފޮނި އުއްމީދުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަން ގެންނަން މަސައްކަތް ކުރި ގައްދޫ ރައްޔިތުން ބަލައިނުގަތް ކަމަށާއި، އެންމެ ކުޑަމިނުން ތޮށި މަތީގައި ރާޅުގުނަންވެސް ބޭނުން ނުކުރި ކަމަށެވެ.
މި 2 އަހަރު ތެރޭގައި ގައްދޫ ރައްޔިތުން މިތިބީ ވަރަށް ބިކަހާލުގައި. ނުކައި ނުބޮއި. ކާބޯތަކެތީގެ އަގު ހުރީ އަތް ނުފޯރާ ފަށުގައި. ރައީސް ނަޝީދު ވިދާޅުވީ ފަދައިން، ހަގީގަތަށް ބުނަންޏާ މިއަދު ގައްދޫ ރައްޔިތުން މިތިބީ ކަންމަތީ ސްޓޯރަށް ދަރާފައި. މަސްވެރިންނަށް ރުފިޔާއެއް ނުލިބޭތާ މިއީ 5 ވަނަ މަސް. 20 ރުފިޔާ ދޭނަމޭ ބުނީ މަސް ކިލޯއަކަށް. އެެކަމަކު ނުދޭ. ދެނީ 16 ރުފިޔާ. ކޮންމެ ސަރުކާރެއް އަޔަސް ގައްދޫ ދަރިއެއް ހުންނާނެ. މިއިން އެއްކަމެއް ވެސް ނުވި.
ނީލާ - ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހެއް![]()
ނީލާ ބުނީ ހައްލަކީ ރައްޔިތުން ނުކުމެ މުއިއްޒު ވެރިކަމުން ދުރުކުރުން ކަމަށެވެ. އަދި ރައީސް މުއިއްޒު ގައްދޫ އަށް ވަޑައިގެން ހުޅުވާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.