އިސްރާއީލުން ދޯހާގައި ތިބި ހަމާސްގެ އޮފިޝަލުންނަށް ދިން ހަމަލާ ކުށްވެރިކުރުމަށާއި ގަތަރަށް އެއްބާރުލުން ދިނުމަށް އަރަބި އަދި މުސްލިމް ލީޑަރުންގެ ސަމިޓެއް ބާއްވާނެ ކަމަށް ގަތަރުން ހޮނިހިރު ދުވަހު ބުނެފިއެވެ.
ހޯމަ ދުވަހުގެ ބައްދަލުވުމުގައި އާދިއްތަ ދުވަހު ބާއްވާ މިނިސްޓީރިއަލް ބައްދަލުވުމެއްގައި އެކުލަވާލެވޭ "ގަތަރު ދައުލަތަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭ ޤަރާރެއް" ފާސްކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް-އަންސާރީ ވިދާޅުވިއެވެ.
ގަތަރުގެ ރަސްމީ ނިއުސް އެޖެންސީ ކިއުއެންއޭ ގައި ތަރުޖަމާނާ ހަވާލާދީ ބުނެފައިވަނީ، މި ސަމިޓަކީ "އިސްރާއީލުގެ ފިނޑި ހަމަލާއާ ދެކޮޅު ހެދުމާއެކު، ގަތަރަށް އަރަބި އަދި އިސްލާމީ ދުނިޔޭގެ އެއްބާރުލުން އެންމެ ފުޅާކޮށް އޮތް ކަމަށާއި... އަދި އިސްރާއީލުގެ ދައުލަތުގެ ޓެރަރިޒަމްގެ އަމަލުތަކަށް ފުރިހަމައަށް ދެކޮޅުހެދުން" ދައްކުވައިދޭ ބައްދަލުވުމެއް ކަމުގައެވެ.
ބައްދަލުވުމުގައި ބައިވެރިވާ ލީޑަރުންގެ ތެރޭގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަދި އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް-ސުދާނީ ހިމެނެއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ދޯހާގައި ހުންނަވާނެ ކަމަށް ބެލިވިފައިވީ ނަމަވެސް، ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަން އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.
އިސްރާއީލުން އަންގާރަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާގައި ހަމާސްގެ 5 މެންބަރުންނާއި ގަތަރުގެ ސެކިއުރިޓީ އޮފިސަރެއް މަރުވެފައިވެއެވެ.
މި ހަމަލާ، އިސްރާއީލުގެ އެންމެ ބޮޑު ސަޕޯޓަރު ކަމުގައިވާ އެމެރިކާއާ އެކު އިއްތިހާދުވެފައިވާ ގަލްފުގެ ޤައުމުތައް ހިމެނޭ ގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާ ދާއިރާގައި ކުށްވެރިކޮށްފައި ވެއެވެ.
ސަރަޙައްދުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް ހިންގާ ގަތަރުން، އެމެރިކާ އަދި މިސްރާއި އެކު ޣައްޒާގެ ހަނގުރާމައިގައި ހަމާސް އާއި އިސްރާއީލާ ދެމެދު ދެކެވޭ ވާހަކަ ތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރެއެވެ.
އެނަލިސްޓުން ބުނާ ގޮތުގައި މި ސަމިޓަކީ އިސްރާއީލަށް ސާފު މެސެޖެއް ފޮނުވުމަށް ބޭއްވޭ ބައްދަލުވުމެކެވެ.
ލަންޑަންގެ ކިންގްސް ކޮލެޖް ގެ އެންޑްރިއަސް ކްރީގް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ހަމަލާތައް "މުޅި ގަލްފުގައި ދެކެނީ މިހާތަނަށް ނުފެންނަ ފަދަ ސިޔާދަތީ ޙައްޤުތަކަށް އަރައިގަތުން ކަމަށާއި އަދި ޑިޕްލޮމަސީއަށް ދެވޭ ހަމަލާއެއްގެ ގޮތުގައި" ކަމަށާއި، މި ސަމިޓުން ދައްކުވައިދެނީ "މިފަދަ އަނިޔާވެރިކަން އާންމު ކަމަކަށް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން" ކަމެވެ.
"މަޤްޞަދަކީ ސާފު ރަތް ރޮނގުތަކެއް ދެއްކުމާއި އިސްރާއީލަށް އަދަބު ނުލިބި ކަންކަން ކުރެވޭނެ ކަމުގެ އިޙްސާސް ނިމުމަކަށް ގެނައުން" ކަމަށް އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ މައްސަލައިގައި ހަރުކަށި ސްޓޭންޑެއް ފެނިގެންދާނެ،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.