ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހިނގި ހަނގުރާމަ އަށް ފަހު، ދެ ޤައުމުން ވެސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވާއިރު، ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ޤަތަރުގެ ވެރި ރަށް ދޯހާގައި ފަށައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން، 2021 ވަނަ އަހަރު ޠާލިބާނުން، އަފްޣާނިސްތާންގެ ވެރި ރަށް ކާބުލް ހިފުމަށް ފަހު، ދެ ޤައުމުގެ ދެ މެދުގައި ހިނގި އެންމެ ބޮޑު ހަނގުރާމައިގައި ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
އަފްޣާނިސްތާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވެފައިވާ ގޮތުގައި، އެ ޤައުމުގެ ދިފާއީ ވަޒީރު މުއްލާ މުޙައްމަދު ޔަޢުޤޫބުގެ އިސްނެންގެވުމުގެ ދަށުން، ޤަތަރުގެ ވެރި ރަށް ދޯހާގައި މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. އެ މަޝްވަރާތަކަށް ޕާކިސްތާންގެ ފަރާތުން އެ ޤައުމުގެ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވަޑައިގަންނަވާނެ ކަަމަށް، ޕާކިސްތާންގެ ޚާރިޖީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އެ މަޝްވަރާ ތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ އަފްޣާނިސްތާންގެ ސަރަހައްދުން ޕާކިސްތާނަށް އަމާޒުކޮށް ދެވޭ ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމާއި، ދެ ޤައުމުގެ ބޯޑަރު ސަރަހައްދުގައި އަމާންކަން ޤާއިމު ކުރުމަށެވެ. މަޝްވަރާތައް ދިގު ދެމިގެން ދާނެ ވަގުތެއް، ނުވަތަ މުއްދަތެއް ސާފުވެފައި ނުވެ އެވެ. ނަމަވެސް، ދެ ޤައުމުގެ ވެސް އިންޓެލިޖެންސްގެ އޮފިޝަލުން މަޝްވަރާ ތަކުގައި ބައިވެރިވާ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.
ދެ ޤައުމުގައި ހިނގި ހަނގުރާމައިގެ ސަބަބުން، އަފްޣާނިސްތާންގެ ކްްރިކެޓު ބޯޑުން ވަނީ، ޕާކިސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓީ20 ތުރީ ނޭޝަންސް ސީރީޒް އިން ވަކިވާން ނިންމައިފަ އެވެ. މިއީ ޕަކްޓިކާ ސަރަހައްދުގައި ހިންގުނު ވައިގެ ހަމަލާ ތަކުގައި ތިން ކްރިކެޓު ކުޅުންތެރިން މަރުވުމާ ގުޅިގެންނެވެ.
ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ޠާރިޤު ވިދާޅުވެފައިވާ ގޮތުގައި، ޕާކިސްތާން އިން އަމާޒު ކުރީ ބޯޑަރު ސަރަހައްދުގައި ހުރި އަސްކަރީ ކޭމްޕަކަށެވެ. އަދި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަަމަލާ ދީފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ފަހު ވެސް، ޕާކިސްތާނަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމަށާއި، 100 އަށް ވުރެ ގިނަ އަސްކަރީ މީހުން މަރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.