ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުކުރު ދުވަހުގެ ރޭ ބޭއްވެވި ރަސްމީ ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު އޮތީ ބާސެލޯ ނަސަންދުރާގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙް ކޮށްދެއްވައިފައެވެ.
މީގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، މުއިއްޒު ވަނީ އިނާމް ޙަވާލުކޮށްދެއްވައިފައެވެ. ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށްވެސް މިރޭގެ ޖަލްސާގައިވަނީ އިނާމް ދެއްވާފައެވެ. މި މުވައްޒަފުންނަށް އިނާމް ޙަވާލުކޮށްދެއްވީ ބަންޑާރަނައިބު އަޙްމަދު އުޝާމްއެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، އެ އޮފީހުގެ ފަރާތުން ވަނީ ރައީސް މުއިއްޒު އަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސް މުއިއްޒު އަށް މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަޙްމަދު އުޝާމްއެވެ.
ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ އޮތް ޖަލްސާގައި ނެންގެވި ހަނދާނީ ފޮޓޯގައި މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.