މިނިވަން މީޑިޔާ ނެތިކޮށްލުމުގެ މަކަރުވެރި މަގުސަދުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް، ދިވެހި ނޫސްވެރިން މިރޭ އުސްފަސްގަނޑު ސަރަހައްދުގައި މުޒާހަރާ ކުރުމަށް ނިންމައިފި އެވެ.
މިބިލް މަޖިލީހަށް ބަލައިގަތީ އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ. މިބިލް ބޭރުކުރުމަށް ނޫސްވެރިން މުޒާހަރާ ކުރަމުން ދަނީ އޯގަސްޓްމަހުގެ 26 ވަނަ ދުވަހުން ފެށިގެންނެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އުސްފަސްގަނޑުގައި މުޒާހަރާ ކުރުމަށް ނިންމާފައިވަނީ 9:00 އިން ފެށިގެން 11:00 އާއި ހަމައަށެ އެވެ. މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް ފާސް ކުރަން މަސައްކަތް ކުރާ ބިލެއް ކަމަށް ބިލާ ދެކޮޅަށް މުޒާހަރާ ކުރާ ނޫސްވެރިން ވަނީ ބުނެފިއެވެ.
މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް މި ބިލު ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ބ.ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. މި ބިލަށް ސަރުކާރުގެ ގިނަ ބޭފުޅުން ތާއީދުކުރާއިރު، މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދަނީ މި ބިލު ވީހާ ވެސް އަވަހަށް ފާސް ކުރުމަށް ގޮވާލަމުންނެވެ. އެއާއެކު ކޮމެޓީން މި ބިލުގެ މަސައްކަތްތައް ކުރުމަށް ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. އަދި އަންގާރަ ދުވަހާއި، ބުދަ ދުވަހުގެ ވެސް ކޮމެޓީގެ ބައްދަލުވުން މަޖިލީހުގެ ގަވައިދާ ހިލާފަށް ވަނީ ސިއްރުކޮށްފައެވެ.
ނޫސްވެރިން ގޮވާލަމުންދަނީ މި ބިލު ވަގުތުން ވަގުތަށް ބޭރުކޮށްލުމަށެވެ. އަދި މިއީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް މިސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރާ ބިލެއް ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިން ބުނެފައިވަނީ މިނިވަން މީޑިއާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް އެއަށް އަމަލުނުކުރާ ކަމަށެވެ. މި ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް ކަމަށާއި، މީޑީއާ ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ. މީޑިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ އަނިޔާވެރިވުންކަން ފާހަގަކޮށް ރައްޔިތުންނަށް އަނިޔާވެރިނުވުމަަށް ވެސް ނޫސްވެރިން ގޮވާލާފައިވެއެވެ.