Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 18:15
ނާސާގެ ސްޕޭސް-އެކްސް ގެ ފަޅުވެރިން
ނާސާގެ ސްޕޭސް-އެކްސް ގެ ފަޅުވެރިން
ގެޓީއިމޭޖަސް
ނާސާ
ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި
ޖައްވީ ދާއިރާގައި ޗައިނާގެ އިސްނެގުމާއި ވާދަވެރިކަން އިތުރުވުމާއެކު، ނާސާއިން އެޤައުމުގެ ރައްޔިތުންނަށް އެތަނުގެ ހުރިހާ ވަސީލަތްތަކަށް ވަނުން މަނާކޮށްފިއެވެ. މިއީ ސައިންޓިފިކް އެއްބާރުލުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް ބެލެވޭއިރު، މިފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެއެވެ.

އެމެރިކާގެ ޖައްވާ ބެހޭ އިދާރާ ނާސާ އިން، ޗައިނާގެ ރައްޔިތުން އެ އިދާރާގެ ވަސީލަތްތަކަށް ވަނުން މަނާކޮށްފިއެވެ.

މިއީ ޖައްވީ ދިރާސާތަކުގެ ދާއިރާގައި ދުނިޔޭގައި އެންމެ ގަދަރު އުފުލިފައިވާ މުއައްސަސާ އަށް ޗައިނާ ގެ ރައްޔިތުންނަށް އެތަނުގައި މަސައްކަތް ކުރުމާއި އެތަނުގެ ވަސީލަތްތަކަށް އޮތް އެކްސެސް މަނާވެގެން ދިއުމެވެ.

ވިސާ އޮވެގެން ޗައިނާ ރައްޔިތުން މިހާތަނަށް ނާސާގައި މަސައްކަތް ކޮށްފައި ވަނީ ހަމައެކަނި ކޮންޓްރެކްޓަރުންގެ ގޮތުގައި ނުވަތަ ދިރާސާތަކަށް އެހީތެރިވާ ދަރިވަރުންގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެޕްޓެމްބަރު 5 ވަނަ ދުވަހު އެ ގޮތައް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަށް އެނގުނީ ނާސާގެ ހުރިހާ ނިޒާމުތަކަކަށާއި ވަސީލަތްތަކަށް ޗައިނާ ރައްޔިތުންނަށް ވަނުން މަނާވެފައިވާކަމެވެ.

މިކަން ބްލޫމްބާގް ނިއުސްއިން ރިޕޯޓު ކުރިފަހުން ނާސާ އިން މިކަން ކަށަވަރުކޮށް، ބުނެފައިވަނީ އެ އިދާރާގެ މަސައްކަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޗައިނާގެ ރައްޔިތުންނަށް ނާސާގެ "ވަސީލަތްތަކާއި، ތަކެއްޗާއި، ނެޓްވޯކްތައް" ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ހަލުއި ޖައްވީ ޕްރޮގްރާމުން އެމެރިކާ ކަންބޮޑުވެ، ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވެއެވެ.

ޖައްވީ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ޗައިނާ އާ ޙިއްޞާކުރުން ވޮޝިންގްޓަނުން ނާސާ އަށް މަނާކޮށްފައިވާތީ، ބައިނަލްއަޤްވާމީ ޖައްވީ މަރުކަޒު (އައިއެސްއެސް) އިން ޗައިނާގެ އެސްޓްރޯނަޓުން ވަނީ ބާކީ ކޮށްފައެވެ.

ނާސާ އިން އަމަލު ކުރަން މި ފެށި ސިޔާސަތަކީ، ޤައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް އެމެރިކާ އިން ބުނެފައިވެއެވެ. އަދި މި ސިޔާސަތުގެ ސަބަބުން ދެރާތުގެ ދެމެދުގައި ސައިންޓިފިކް އެއްބާރުލުން އިތުރަށް ދަށް ވެގެން ދާނެ ކަމަށް ބެލެވެއެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން ހޯދުމަށް ވާދަކުރަމުން ދާއިރު، ބެއިޖިންގ އާއި ވޮޝިންގްޓަން ވަނީ އެއްފަރާތް އަނެއް ފަރާތާމެދު އިތުރަށް ތުހުމަތުތައް ކުރަން ފަށާފައެވެ.

މި ތުހުމަތުތަކާ އެކު، ޚާއްޞަކޮށް ސައިންސާއި ޓެކްނޮލޮޖީ ގެ ދާއިރާ އިން މަތީ ތައުލީމު އުނގެނުމަށް ޗައިނާ ގެ ދަރިވަރުންނަށް އެމެރިކާގެ ވިސާ ހޯދުމަށް، ނުވަތަ ވިސާ ލިބުމަށް ފަހުގައި ވެސް އެމެރިކާ އަށް ވަނުމަށް ދަތިވެފައިވެއެވެ.

އެމެރިކާ ގައި ފަހަކަށް އައިސް ޗައިނާގެ ރައްޔިތުންގެ މައްޗަށް ޖާސޫސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ހިނގާފައި ވެއެވެ. އަދި ޚާއްޞަކޮށް ޗައިނާގެ ސައިންޓިސްޓުން ވަނީ އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމުގެ ދަށަށް ގެނެވިފައެވެ.

ބްލޫމްބާގް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނާސާ ގައި މަސައްކަތް ކުރާ ޗައިނާ ރައްޔިތުންނަށް ނާސާ ގެ ވަސީލަތްތަކަށް އޮންނަ އެކްސެސް ކަނޑާލިކަން އެނގުނީ ކުއްލި ގޮތަކަށެވެ.

ބްލޫމްބާރގް އިން ބުނެފައިވަނީ ނާސާގެ މަޢުލޫމާތު ނިޒާމުތަކަށް ވަނުން މަނާކުރެވިފައިވާ ކަމާއި، އެމީހުންނަށް މަސައްކަތާ ގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވުން މަނާކުރެވިފައިވާ ކަމެވެ. އެ ގޮތުން މީހާ ހާޒިރުވެ ބައްދަލުވުމާއި އޮންލައިން ކޮށް ބައްދަލުވުން ވެސް ވަނީ މަނާ ކޮށްފައެވެ.

ބެއިޖިންގ އާއި ވޮޝިންގްޓަން އިން ގެންދަނީ އެ ގައުމުތަކުގެ ޓީމުތައް ހަނދަން ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. އެއާއެކު ޗައިނާ އިން އެޤައުމުގެ ޖަައްވީ ޕްރޮގްރާމްގެ އަމާޒުތައް ސިއްރުކޮށްފައެއް ނުވެއެވެ.

އެމެރިކާ އިން ކަންބޮޑުވަނީ މި ފަހަރުގެ ރޭހުގައި އެމެރިކާ އަށް ވުރެ ކުރިން ޗައިނާ އިން ހަނދަށް ބަޔަކު ފޮނުވާފާނެއަތީއެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް