Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2025 | ބުދަ 12:35
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން- ފައިލް ފޮޓޯ
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން- ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލިސް
މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލު
''މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލު'' ދިރާސާ ކުރާ ކޮމެޓީ ބުދަ ދުވަހު ވެސް ސިއްރުކޮށްފި
މި ބައްދަލުވުމަށް ނޫސްވެރިން ވަނުމަށް ދިޔަ ނަމަވެސް އެފުރުސަތު ނުދީ ބައްދަލުވުން ވަނީ ސިއްރުކޮށްފައި
އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުން ވެސް ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ސިއްރުކޮށްފައި
މި ބިލަށް ގިނަ ނޫސްވެރިން ދެކޮޅު ހަދައި، 152 ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅާފައިވޭ

މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުދަ ދުވަހު ކުރިއަށް ގެންދާ ބައްދަލުވުން ވެސް ސިއްރު ކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 32 ވަނަ ބައްދަލުވުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ދިރާސާކުރުމަށް އޮތީ އެޖެންޑާ ކޮށްފައެވެ.

މި ބައްދަލުވުމަށް ގިނަ އަދަދެއްގެ ނޫސްވެރިން ވަނުމަށް ދިޔަ ނަމަވެސް އެފުރުސަތު ނުދީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

ބުދަ ދުވަހުގެ ބައްދަލުވުން ވެސް ސިއްރުކޮށްފައިވާއިރު، އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުން ވެސް ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ސިއްރުކޮށްފައެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އޭނާ ވިދާޅުވީ މަސައްކަތް ކޮންމެ ގޮތަކަށް ގެންދިޔަ ކަމުގައިވީ ނަމަވެސް ބިލުގެ މަސައްކަތް އަންގާރަ ދުވަހަށް ނިންމާ ނުލެވޭނެ ކަމަށާއި، ގިނަ އަދަދެއްގެ ކޮމެންޓްތައް ލިބިފައިވާ ކަމަށެވެ. އަދި ކޮމެންޓް ހުށަހެޅި ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ ކޮމިޓީ ލައިވްކުރުމަކީ އެންމެ ރަނގަޅު ނޫން ކަމަށް ވިދާޅުވެ ކޮމިޓީ ސިއްރު ކުރަން މެންބަރު ނަސީމް ހުށަހެޅުއްވިއެވެ.

ކޮމިޓި ސިއްރުކުރަން ހުށަހެޅި ހުށަހެޅުމަށް ތާއިދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި ކޮމިޓީގައި ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ބައްދަލުވުން ސިއްރުކުރަން ފާސްކޮށްފައެވެ.

މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް މި ބިލު ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ބ.ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މި ބިލަށް ސަރުކާރުގެ ގިނަ ބޭފުޅުން ތާއީދުކުރާއިރު، މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދަނީ މި ބިލު ވީހާ ވެސް އަވަހަށް ފާސް ކުރުމަށް ގޮވާލަމުންނެވެ.

ނަމަވެސް މި ބިލަށް ގިނަ ނޫސްވެރިން ދެކޮޅު ހަދަމުންދާއިރު، މި ބިލު ބޭރުކޮށްލުމަށް ގޮވާލައި، 152 ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ. އަދި މި ބިލު މެންބަރު ހަންނާން ހުށަހަޅުއްވާފައިވާ ގޮތަށް ފާސް ކުރަން ބޭނުންނުވާ ކަމަށާއި، ބިލާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބްރޯޑްކާސްޓިމް ކޮމިޝަން މެންބަރުން ވެސް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް