Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 14:10
ލޭ އެޅުމުގެ ޚިދުމަތް ދެނީ
ލޭ އެޅުމުގެ ޚިދުމަތް ދެނީ
ސޯޝަލް މީޑިއާ
މަޖިލިސް
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅުހައްދަވާ އެ ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައި
ގަރާރު ބަލައިނުގަތުމަށް ނިންމީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 53 މެންބަރުންގެ އަޣުލަބިއްޔަތުން

ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރު ބަަލައިގަތުމަށް ސަރުކާރު ހިންގާ ޕީއެންސީ މެންބަރުން ދެކޮޅުހަދައިފިއެވެ.

އެ މައްސަލަ ހައްލުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި އެ ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހާފައިވެއެވެ. މެންބަރު ކުޑޫ ހުށަހެޅުއްވި އެ ގަރާރު ބަލައިނުގަތުމަށް ނިންމީ އެކަމާމެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 53 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންނެވެ.

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅުހައްދަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލާފައިވާއިރު ގަރާރުގައި ބުނީ ދުވާލަކު 40 މީހުންގެ ގަޔަށް ލޭ އަޅާއިރު އެކަން ވެސް ކުރަން ޖެހެނީ ސަލާން ޖަހައިގެން ކަމަށެވެ. މި ނޫން ގޮތަކަށް މި މައްސަލަ ހައްލުކުރަން ޖެހޭ ކަމަށާއި ތަރައްގީ އަކީ މިފަދަ މައްސަލަތައް ހައްލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް މަޖިލީހާއި ހިއްސާކުރުމަށް އެދިވަޑައިގެންނެވި ފަހުން ހަތަރު މަސް ވީ އިރު އެ ފުރުސަތު ލިބިފައި ނުވާ ކަމަން މެންބަރު ފާހަގަކުރެއްވިއެވެ. އެކަމާ ގުޅިގެން މެންބަރު ވިދާޅުވީ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ވެސް އެދުނު ކަމަށާ ނަމަވެސް އެ ފުރުސަތު ނުލިބޭ ކަމަށެވެ. ލޭ ނުލިބޭ މައްސަލަ އަކީ ދައުލަތުން ހައްލުކޮށްދޭން ޖެހޭ ކަމެއް ކަމަށާ އެއީ ވަކިވަކި ފަރުދުން އަމިއްލަ އަށް ހައްލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަރާރަށް މަޖިލީހުގެ ތަޅުމުގައި ވެސް ތާއީދުކޮށް ބަހުސްކުރެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އެކަންޏެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިފަދަ އިޖްތިމާއީ ކަންކަމަށް މި ސަރުކާރުން އިޖާބަ ނުދޭ ކަމަށެވެ. ނިޒާމުގެ ކަންކަން ހައްލުކުރަން އެދޭ ކޮންމެ ފަހަރަކު ޒިންމާ ނެގުމުގެ ބަދަލުގައި "ކުރީ ސަރުކާރު"ގެ ބޮލަށް ކަންކަން ޖަހާ އުސޫލު ގެންގުޅޭ ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ މި ސަރުކާރަކީ 2.0 ނުވަތަ މިހާރުގެ ޒަމާނާއި އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށް، ސަރުކާރުން ދައުވާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ބަލި މީހުންނަށް ބޭނުންވާ ލޭ ހަލާކުވާ ހިސާބަށް މި ވެރިކަމުގައި ކަންކަން ދިއުމުން، މި ސަރުކާރަށް ކަންކަން ނުބެލެހެއްޓޭކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރުން ވަނީ ލޭ ނުލިބޭ މައްސަލަ އަށް ސަރުކާރުން ދޭންވާ ސަމާލުކަން ނުދޭކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ވެރިކަމުގައި ލޭ ލިބުން ދަތިވެ، ލޭ ބެެލެހެއްޓުން ދޯދިޔާ ވުމުން އާއްމުން އެކަމާއި ދެކޮޅަށް ތެލެސީމިއާ ސެންޓަރ އަށް އެއްވެ އަޑު ވެސް އުފުލާފައިވެއެވެ.

- ކޮމެންޓް