Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 13:36
ފިނޭންސް މިނިސްޓްރީ އަށް ވަންނަން ދިޔަ އެމްޑީޕީގެ މެމްބަރުންނަށް ފުލުހުން ހުރަސް އަޅަނީ
ފިނޭންސް މިނިސްޓްރީ އަށް ވަންނަން ދިޔަ އެމްޑީޕީގެ މެމްބަރުންނަށް ފުލުހުން ހުރަސް އަޅަނީ
ރާއްޖެ އެމްވީ
އެމްޑީޕީ
ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް
ކުންފުނިތަކަށް ފައިސާ ނުދޭ މައްސަލަ އާއި، ޤައުމުގެ މާލީ ކަންކަމާ ގުޅޭ ގޮތުން ޒަމީރުއާ ސުވާލު ކުރުމަށް ތަކުރާރުކޮށް ހުށަހެޅުއްވި ނަމަވެސް، މަޖިލީހަށް ވަޑައިގެންފައި ނުވޭ
އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް ވަންނަން ދިޔުމުން، ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައި
މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް ވަތް ފަހުން، މިނިސްޓަރު ޒަމީރުއާ ބައްދަލު ކުރުމުގެ އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށް ވަނީ ނިންމާފައި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ނުވާތީ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް ވަދެއްޖެ އެވެ.

ސަރުކާރުން އެކި އެކި ކުންފުނިތަކަށް ފައިސާ ނުދޭ މައްސަލަ އާއި، ޤައުމުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރުއާ ސުވާލު ކުރުމަށް ތަކުރާރުކޮށް ހުށަހެޅުއްވި ނަމަވެސް، ޒަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފައި ނުވެ އެވެ. އެމްޑީޕީގެ މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި މަޖިލީހަށް ވަޑައި ނުގަންނަވާ ސަބަބެއް ވެސް ޒަމީރު އަންގަވާފައި ނުވެ އެވެ.

އެހެންވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ވަނީ ހޯމަ ދުވަހުގެ މެންދުރު ފިނޭންސް މިނިސްޓްރީ އަށް ވަދެފަ އެވެ. އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް ވަންނަން ދިޔުމުން، ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާ އިމްތިޔާޒުގެ ދަށުން، މެމްބަރުންނަށް ފިނޭންސް މިނިސްޓްރީ އަށް ވަދެވޭނެ ކަމަށާއި، އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް މެމްބަރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މެމްބަރުންނަށް ފުލުހުން ހުރަސް އެޅުމުން އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އާންމު މެމްބަރުން އަދި އާންމު ރައްޔިތުން ވެސް ވަނީ ފިނޭންސް މިނިސްޓްރީގެ ދޮރު މައްޗަށް އެއްވެފަ އެވެ. އަދި މިނިސްޓަރު މޫސާ ޒަމީރުގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލައިފަ އެވެ.

އެތައް އިރެއްވީ ފަހުން، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް ވަދެފައި ވަނީ ގަދަ ބާރުންނެވެ. މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ފުލުހުން ގެންދިޔައީ މެމްބަރުންގެ ވާޖިބުތަކާއި، މަސައްކަތްތަކަސް ހުރަސް އަޅަމުންނެވެ.

ފިނޭންސް މިނިސްޓްރީ އަށް ވަތް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު، ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު، ކަނޑިތީމަދު ދާއިރާގެ މެމްބަރު އަމީން ފައިސަލް، ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު، މާވަށު ދާއިރާގެ މެމްބަރު އަޙުމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އަޙުމަދު ދީދީ ހިމެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް ވަތް ފަހުން، މިނިސްޓަރު ޒަމީރުއާ ބައްދަލު ކުރުމުގެ އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށް ވަނީ ނިންމައިފަ އެވެ.

އެ ސަރަހައްދަށް އެއްވި އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުން މާލީ ކަންކަމުގައި އަމަލު ކުރަމުން އަންނަ ގޮތާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

- ކޮމެންޓް