އެއްވެސް ޕްލޭނެއް ނެތި ތަރައްގީގެ ނަމުގައި ސަރުކާރުން ކަންކަން ކުރަމުން ދާއިރު، ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށާއި، އެފަދަ ދެކޮޅު ނުޖެހޭ ކަމެއްގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބައިވެރި ނުވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ސަރުކާރުން ކުރިއަށް ގެންދާ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނުގެ މަސައްކަތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން ވެސް އެނގޭކަށް ނެތްކަމަށެވެ.
އަދި އެފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށް ފަހގައިވެސް އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއަރޕޯޓް އެޅުމާއި، ޢުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނު ކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަން ފާހަގަކުރެވޭ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.
"މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދެއެވެ. އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުންނެވެ."
އެމްޑީޕީ އިން ބުނެފައިވަނީ، ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީން ޤަބޫލުކުރި ނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.
"މިހެންކަމުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށް ވެސް ނުދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތައް ޢަމަލު ނުކުރުމާއި، ގްޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން މި ވަނީ އާއްމުކަމަށް ވެފައިި ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައް ވެސް ކުއްލިއަކަށް ބަދަލު ކުރަމުން ގެންދާ ކަމަށް އެމްޑީޕީ އިން ފާހަގަ ކޮށްފައިވެއެވެ.
އެމްޑީޕީ އިން އިތުރަށް ބުނެފައިވަނީ، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލު ކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމުގައެވެ.
ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެމްޑީޕީ އާ ބައްދަލު ކުރުމަށް އެދިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ފަދަ ދެކޮޅުނުޖެހޭ ކަމެއްގައި އެމްޑީޕީ އިން ބައިވެރި ނުވާނެ ކަން އެ ކުންފުންޏަށް އާދިއްތަ ދުވަހު އަންގާފައިވާނެ ކަމަށް ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.