ވޮޝިންޓަން ޑީސީގައި ނެޝަނަލް ގާޑް ސިފައިން މަގު މަތި ބެލެހެއްޓުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމާ ދެކޮޅަށް، އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހު މަގު ތަކަށް ނިކުމެ އަޑު އުފުލައިފި އެވެ.
"ވީ އާ އޯލް ޑީސީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި، ރަސްމީ ލިޔެ ކިޔުމެއް ނެތް އިމިގްރަންޓުން އަދި ފަލަސްޠީނަށް ތާއީދު ކުރާ ފަރާތްތައް ވެސް ހިމެނެ އެވެ. މުޒާހަރާގައި ބައިވެރިން ވަނީ "ޓްރަމްޕް މަސްޓް ގޯ ނައު"، އަދި "ފްރީ ޑީށީ" ލިޔެފައިވާ ބެނާތައް ހިފައިގެން ތިބެ، ޓްރަމްޕްއާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
ވޮޝިންޓަން ޑީސީގައި ކުށް ކުރަމުން އަންނަ މިންވަރު އިތުރު ވަމުންްދާ ކަމަށް ބުނެ، މިދިޔަ އޯގަސްޓު މަހު ޓްރަމްޕް ވަނީ ސިފައިން ނެރެ، މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓް ސީދާ ފެޑަރަލް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްގެ މުވަައްޒަފުން ވެސް ވަނީ، މަގު މަތި ބެލެހެއްޓުމަށް ފޮނުވައިފަ އެވެ.
ޓްރަމްޕް މިހެން ނިންމެވި ނަމަވެސް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ވޮޝިންޓަންގައި އަނިޔާވެރި ކުށްތައް ހިންގާފައިވާ މިންވަރު ވަނީ، ވޭތުވެދިޔަ 30 އަހަރުގެ ތެރެއިން އެންމެ ދަށް މިންވަރަށް ދަށްވެފަ އެވެ.
ވޮޝިންޓަން ޑީސީގެ އެޓާނީ ޖެނަރަލް ބްރަޔަން ޝްވޯލްބް ވަނީ، ސިފައިން ނެރުން ހުއްޓުވުމަށް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި، ޓްރަމްޕްގެ އެ ނިންމެވުމަކީ ޤާނޫނު އަސާސީއާ ޚިލާފު އަދި ފެޑެރަލް ޤާނޫނުތަކާ ޚިލާފު ކަމެއް ކަަމަށެވެ.
ޓްރަމްޕްގެ އެ ނިންމެވުމަށް ބައެއް ރައްޔިތުން ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ. އަދި ކުށް ކުރުން ގިނަވެ، ނިކަމެތި ސަރަހައްދު ތަކުގައި ވެސް ސިފައިން ނެރުމަށް ވަނީ ގޮވާލައިފަ އެވެ. މިހާތަނަށް އެންމެ ގިނައިން ސިފައިން ހަރަކާތްތެރި ވެފައި ވަނީ ޑައުންޓައުން އާއި، ފަތުރުވެރިން ގިނަ ސަރަހައްދު ތަކުގަ އެވެ،
ވޮޝިންޓަން ޑީސީގެ މޭޔަރު މިއުރިއަލް ބައުސާ ވަނީ، ފެޑަރަލް ސަރުކާރުގެ ތަންފީޒީ އިދާރާ ތަކުގެ ސިފައިން އިތުރު ކުރުމަށް ތާއިދު ކޮށްފަ އެވެ. ނަަމަވެސް، އޭނާ އުންމީދު ކުރައްވަނީ ނެޝަނަލް ގާޑުގެ މިޝަން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ.