ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަނީ ރައްޔިތުންނަށް ހަރާމްކޯރުވެ، ގައުމުގެ ބައިތުލްމާލް ވެސް ލޫޓުވާލާފައި ކަމަށާއި މިފަދަ އަނިޔާވެރި ސަރުކާރަކަށް އިތުރު ފުރުޞަތެއް ދެވެން ނެތް ކަމަށް އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.
ޑރ. ޑީޑީ މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގައި އެމްޑީޕީން ބޭއްވި ޕިކަޕު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. ޑީޑީ ވިދާޅުވީ، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތަޅު އަޅުވައި، ސުޕްރީމް ކޯޓުގައި ވެސް ބޮޑު ތަޅު އަޅުވާފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ އަނގަމަތީގައި މަލަން އަޅައި، އެ މީހުން ޖަލަށް ލުމަށް ގާނޫނެއް ފާސްކޮށް، މަޖިލީހުން ލިބިފައިވާ ސުޕަރ މެޖޯރިޓީ ނާޖާއިޒުކޮށް ބޭނުންކޮށް، ރައްޔިތުންގެ ހައްޤުތައް ހަނިކުރަމުންދާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ކަން ވެސް ކުރެއްވި ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިއަދު ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރަމުން މި ދާ ރައީސް މުއިއްޒުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މިފަދަ އަނިޔާވެރި ސަރުކާރަކަށް އިތުރު ފުރުޞަތެއް ދެވެން ނެތް ކަމަށް ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުނަނަނީ މި އަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުމަށް ކަމަށެވެ.
މި އަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް އިރާދަކުރެއްވިއްޔާ، އޮކްޓޯބަރު 3 ގައި އަޅުގަނޑުމެން މަގުމައްޗަށް ނިކުންނާނަން.
އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް ދީދީ![]()
މީގެ އިތުރުން ޑީޑީ ވިދާޅުވީ ރައީސް މުޢިއްޒު "ސްޕީޑްގައި" މައްޗަށް ދަނީ ދެ ކަމެއް ކަމަށާއި، އެއީ ޑޮލަރުގެ އަގާއި ތަކެތީގެ އަގު ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ، މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ދޮގު ހައްދަވައި، ރައްޔިތުންގެ ބައިތުލްމާލަށް ހަރާންކޯރުވުމުން، ދިވެހި ރައްޔިތުންގެ ހައްޤުގައި މަގުމައްޗަށް ނިކުންނަން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީޑީ އިތުރަށް ވިދާޅުވީ، ރައްޔިތުން ވަރަށް ގިނަ ދުވަހު މަޑުކޮށްގެން ތިބެފި ކަމަށާއި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ވެސް ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމް ކުރުމެއް ނެތި، ރައްޔިތުންނަށް ވެފައި ހުރި ވައުދުތަކަށް ހަރާމްކޯރުވެ، ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލާފައިވާ ކަމަށެވެ.
އަދި ކޮންމެ އަހަރަކު 50 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްގެން ވެސް، އެ ބަޖެޓުން ކުރެވުނު އެއްކަމެއް ވެސް ފެންނާކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކުރިއަށް ގެންދާ އެއްވެސް މަޝްރޫޢެއް ނެތް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
މި ސަރުކާރަށް ދެ އަހަރުވާއިރު ހުޅުމާލޭގައި އެންމެ ގަލެއް ވެސް ބިންގާ އެޅިފައެއް ނެތް ކަމަށާއި، އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން 4000 ފުލެޓް ވެސް ނުދީ ހިފަހައްޓައި، ރައްޔިތުންނަށް ސަރުކާރުން ދޮގު ހަދައި އޮޅުވާލަމުން ގެންދާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންނަށް މަޑުމަޑުން ގޭގައި ތިބެވެން ނެތް ކަމަށާއި، މަގުމައްޗަށް ނިކުންނަން ޖެހިފައިވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ މިއަދު މި އޮތް އަނިޔާވެރި ސަރުކާރު ޖަވާބުދާރީކުރެވޭނީ ހަމައެކަނި މަގުމަތިން ކަމަށާއި އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް އަންނަ އޮކްޓޯބަރު މަހު 3 ވަނަ ދުވަހު މަގުމައްޗަށް ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން އޭނާ ވަނީ ގޮވާލައްވާފައެވެ.