Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 09:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ އެމެރިކާ އިން ހަމާސްއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ އެމެރިކާ އިން ހަމާސްއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާގައި އިތުރަށް ހަނގުރާމަ ހިންގުމުން، އިތުރު ރަހީނުން މަރުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ހަމާސް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހުރިހާ ރަހީނުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެމެރިކާ އިން ވެސް އެދިފައި ވާނެ ކަމަށެވެ. ހަމާސް އިން އެކަން ކޮށްފި ނަމަ، ދެން ކަންތައް ވެގެން ދާނީ މާ ރަނގަޅަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކޮށްފައިވާއިރު، އިތުރު ހަނގުރާމައެއްގެ ސަބަބުން ޣައްޒާގައި ތިބި އިތުރު ރަހީނުން މަރު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރޭގައި، އެމެރިކާ އިން ހަމާސް އާއެކު "ފުން މަޝްވަރާތަކެއް" ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މިފަހުން އޭނާ އަށް ލިބެމުން އަންނަ މައުލޫމާތު ތަަކަށް ބަލާއިރު، ހަނގުރާމައިގައި އިތުރު ރަހީނުން ތަކެއް މަރު ވެދާނެ ކަމަށެވެ. މިހާރު ވެސް އެތައް ރަހީނުންނެއް މަރުވެފައިވާ ކަމުގެ އަޑުތައް އިވޭ ކަމަށާއި، އުންމީދަކީ އެކަން ހަގީގަތަކަށް ނުވުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ހަމާސްގެ ބެލުމުގެ ދަށުގައި ގާތް ގަނޑަކަށް 30 ހަށިގަނޑުވާ ކަމަށެވެ.

ހަމާސް އިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު، އެ ޤައުމުގެ 251 މީހަކު ވަނީ ރަހީނުންގެ ގޮތުގައި އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލާފައިވާއިރު، މިހާރު ވެސް ހަމާސްގެ ބެލުމުގެ ދަށުގައި 47 މީހަކު ވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

މީގެ ކުރިން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ހަމާސްގެ ބެލެމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން 25 މީހަކު މަރުވެފައިވާ ކަމަށް އެ އަސްކަރިއްޔާ އަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ދިރި ތިބި ރަހީނުން މިނިވަން ކުރުމާ އެކު، މަރުވެފައިވާ މީހުންގެ ހަށިގަނޑު ވެސް ހޯދުމަށް ކަމަށް ބުނެފައިވެ އެވެ.

ހަމާސް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހުރިހާ ރަހީނުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެމެރިކާ އިން ވެސް އެދިފައި ވާނެ ކަމަށެވެ. ހަމާސް އިން އެކަން ކޮށްފި ނަމަ، ދެން ކަންތައް ވެގެން ދާނީ މާ ރަނގަޅަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ހަމާސް އިން ރަހީނުން މިނިވަން ނުކޮށްފި ނަމަ، ވަރަށް އުނދަގޫ ޙާލަތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އިން ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާ ކޮށްފައިވާއިރު، މިހާރު އިސްރާއީލް އިން އަންނަނީ ޣައްޒާ ސިޓީ ހިފުމަށް ހަމަލާތައް ދެމުންނެވެ. މިހާރު ވެސް ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ޣައްޒާ ސިޓީ ވީރާނާވެފައިވާއިރު، ހަމާސް އިން ބޭނުން ކުރާ ކަމަށް ބެލެވޭ އެންމެހައި އިމާރާތްތަކާއި، އުސް އިމާރާތްތަކަށް ހަމަލާ ދޭނެ ކަމަށް އިސްރާއީލް އިން ވަނީ ބުނެފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، މިހާތަނަށް ޣައްޒާ އިން ވަނީ 64،300 އަށް ވުރެ މީހުން ޝަހީދުވެފަ އެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާ އިން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުން، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް