ފަލަސްތީނުގެ ރައްޔިތުން، ރަފާހް ކްރޮސިންގް ތެރެއިން ނަމަވެސް އެހެން ތަންތަނަށް ބަދަލުކުރުމާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް މިސްރާއި ޤަތަރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ހުކުރު ދުވަހު މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މި ވާހަކަތައް ސިފަކޮށްފައި ވަނީ "ސަރަހައްދުގައި ހަމަ ނުޖެހުން ދިގުދެންމުމާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ގާނޫނާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކުމަށް ކުރެވޭ ދެމިގެންދާ މަސައްކަތްތަކުގެ" ބައެއްގެ ގޮތުގައެވެ.
އިސްރާއީލުގެ ޓެލެގްރާމް ޗެނަލް އަބޫ ޢަލީ އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ "ޣައްޒާ އަލުން ބިނާ ކުރުމަށް ތަފާތު ޕްލޭންތަކެއް" ހުރި ކަމަށާއި، އެ ގޮތުން އެތަނުގެ "އާބާދީގެ ދެބައިކުޅައެއްބައި ޣައްޒާ ދޫކޮށް ދާން ބޭނުންވާ" ކަމަށެވެ. އަދި މިއީ "މަޖުބޫރުން ބަޔަކު ނެރުމެއް" ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"އަހަރެންނަށް އެމީހުންނަށް ރަފާހް ކްރޮސިންގ ހުޅުވައި ދެވިދާނެ، އެކަމަކު މިސްރުން ވަގުތުން އެތަން ބަންދު ކުރާނެ،" އޭނާ ބުނެފައިވެއެވެ.
ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން މިސްރުގެ ފޮރިން މިނިސްޓްރީން ވަނީ "ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ނުވަތަ ބިރުދައްކައިގެން ނެރުމާމެދު ކެނޑިނޭޅި ދެކޮޅުހަދާ" ކަން އަލުން ތަކުރާރުކޮށްފައެވެ.
"މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ކަނޑައެޅިގެން ޚިލާފުވުމެއް، އަދި ހަނގުރާމައިގެ ކުށްތަކެއް،" ކަމުގައި މިސްރުން ބުނެފައިވެއެވެ.
މި ބަޔާނުގައި މިސްރުން ކަށަވަރުކޮށް ބުނެފައިވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރު ކުރުމަށް ކުރެވޭ އެއްވެސް ކަމެއްގައި އެ ގައުމުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އަދި އެފަދަ ކަމެއް ކުރުމަކީ "ރަތް ރޮނގެއް" ކަމަށާއި، އެއީ ފަހަނައަޅައި ނުދެވޭނެ ކަމެއް ކަމުގައެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ނަތަންޔާހޫގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ "އުޚުއްވަތްތެރި ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކާ ޚިލާފު،" ކަމެއް ކަމުގައި ބުނެފައެވެ.
"އިސްތިއުމާރީ ބާރުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގެންގުޅޭ އިޖްމާއީ އަދަބުދިނުމުގެ ސިޔާސަތުގެ ދަށުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިން ދޫކޮށް ދިއުމަށް މަޖުބޫރު ކުރުވުމުގައި ނުވަތަ އެމީހުންގެ ޝަރުޢީ ޙައްޤުތައް ނިގުޅައިގަތުމުގައި ކާމިޔާބެއް ނުވާނެ،" ކަމަށް ގަތަރުގެ ބަޔާނުގައި ބުނެފައިވެއެވެ.