Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2025 | ހުކުރު 14:54
 ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ އާ ބައްދަލު ކުރެއްވުން - 31 އޮގަސްޓް 2025
ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ އާ ބައްދަލު ކުރެއްވުން - 31 އޮގަސްޓް 2025
ރައީސް އޮފީސް
ރައީސް މުއިއްޒު
ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮ ގޮތަކީ އިސްތިއުފާ ދެއްވާފައި މުއިއްޒު ދިމްޔާތައް ވަޑައިގަތުން: ޑރ. އިޔާޒް
އިޔާޒް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އެހީދޭ ފަރާތްތަކުގެ އިތުބާރު ގެއްލި ދިވެހިރާއްޖެއަށް ބޭނުންވާ އެހީތައް ނުލިބި ދިޔަ
ދިވެހިރާއްޖެއިން ދަރަނި އަދާނުކުރެވުމުގެ ރިސްކު މަތިވެ އިޤްތިޞާދީ އިސްލާހުތައް ނުގެނެވުމުގެ ސަބަބުން އެހީތައް ލިބުން މަދުވެއްޖެ

ދިވެހި ރައްޔިތުންނަށް އަދި ރައީސް މުހައްމަދު މުއިއްޒު އަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްތިއުފާ ދެއްވާފައި ދިމްޔާތައް ވަޑައިގަތުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، އެކްސް ގައި ބުރާސްފަތި ދުވަހު ކުރެއްވި ޕޯސްޓެއްގައެވެ.

"ތިން ވަނަ ކުއާޓަރު ނިމެން ދާއިރު ހިލޭ އެހީގެ ގޮތުގައި ލިބުނީ ބަޖެޓް ކުރި އަދަދުގެ އެންމެ އަށް ޕަސެންޓް" ކަމަށް އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރަކަށް، ޔޫއޭއީ އަށް ރާއްޖެ އިން ކަނޑައެޅި ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް ކުރެއްވި ކޮމެންޓަކަށް ތާއީދު ކުރައްވަމުން ޑރ. އިޔާޒް ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައްވާފައެވެ. އަދި މުއިއްޒު އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވެފައެވެ.

ކުރިން އަންދާޒާ ކުރި މިންވަރާ ގާތައް ވެސް މުއިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ ސަރުކާރަށް ހިލޭ އެހީ ހޯދިފައި ނުވާ ސަބަބުތަކުގައި ގޮތުގައި ފައިސަލް ވަނީ އެކްސް ގައި މުހިންމު ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ.

އެ ގޮތުން ފައިސަލް ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ރާއްޖެ އަށް އެންމެ ބޮޑު އެހީދޭ ޕާޓްނަރު ކަމުގައިވާ އިންޑިއާއާ އޮތް ގުޅުމަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. އަދި މިހާރުގެ ވެރިކަމުން، އަބަދުވެސް ދިވެހިރާއްޖެ އާއެކު ދެމި އޮންނަ އުމުރު ދުވަހުގެ ބައިވެރިއަކަށް އޮތް އިޙްތިރާމް ކުޑަކުރުމުން، މުއިއްޒުގެ ސަރުކާރަށް އެހީދޭ ފަރާތްތަކުގެ އިތުބާރު ގެއްލުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޚާރިޖީ ސިޔާސަތު ވާނުވާ ގައި އޮތުން ވެސް ސަބަބެއްގެ ގޮތުގައި ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، "އަޅުގަނޑުމެންނަށް ބިރުދައްކަން ނޫޅޭ" މި ވާހަކައިން ފެށިގެން، ޗައިނާ އާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު، ކުއްލިއަކަށް އިންޑިއާ އަކީ "އެންމެ ގާތް ރަހުމަތްތެރިޔާ" ކަމަށް ބުނުމުން، ދިވެހިރާއްޖެ އަކީ އިތުބާރެއް ނެތް ޤައުމެއްގެ ގޮތުގައި ފެންނަން ފެށި ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެ އިތުރުން މުއިއްޒު ތުރުކީ ވިލާތަކީ "ދުނިޔޭގެ މުސްލިމުންގެ ލީޑަރު" ކަމަށް ބުނުމާ އެކު އެތައް އަހަރެއް ވަންދެން ދިވެހިރާއްޖެ އަށް އެހީތެރިވަމުން އައި ސައޫދީ އަރަބިއްޔާ އިހާނެތިކޮށްފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ، މިހާރު އެހީދޭ ފަރާތްތަކުން ދެކެނީ މުއިއްޒު ގެ ސަރުކާރަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫން ކަމުގައެވެ.

އިތުރު ސަބަބެއްގެ ގޮތުގައި ފައިސަލް ފާހަގަ ކުރެއްވީ، އެހީގެ ޝަރުތުތައް މުއިއްޒު ސަރުކާރަށް ފުރިހަމަ ނުކުރެވުމެވެ. އެ ގޮތުބް ވޯލްޑް ބޭންކާއި އައިއެމްއެފް އިން އެހީ ދިނުން ގުޅުވާފައި ވަނީ އިޤްތިޞާދީ އިޞްލާޙުތަކާ އެވެ. އެ އިޞްލާޙުތައް ގެނައުމުގެ ބަދަލުގައި، މުއިއްޒު މަސައްކަތް ކުރެއްވީ އެ އޭޖެންސީތަކަށް އޮޅުވާލަން އުޅުމާއެކު، ސިޔާސީ މަޤާމުތައް އިތުރުކޮށް، ފުށިދިއްގަރުފަޅަށް ފައިސާ އަޅަމުން ގެންދިއުން ކަމަށެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފައިސަލް ވިދާޅުވީ، ދަރަނި އަދާކުރުމުގެ ޤާބިލުކަން ދަށްވުމަކީ ވެސް އެހީ މަދުވާން ދިމާވި ސަބަބެއް ކަމަށެވެ. ކްރެޑިޓް އޭޖެންސީތަކުން ދިވެހިރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަމުގެ ދަރަޖަ ދަށްކޮށްފައި ވަނީ، ދަރަނި އަދާނުކުރެވުމުގެ ރިސްކު މަތިވެފައިވާކަން ދައްކުވައިދޭ ގޮތަށެވެ. މިއީ ކުރީގެ ސަރުކާރުގެ ދައުރުގައި ދިމާވި ކަމެއް ނޫން ކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.

2025 ވަނަ އަހަރު ދިވެހިރާއްޖެ އިން 600-700 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަން ޖެހޭއިރު، ރިޒާވްގައި ހުރީ އެންމެ 437 މިލިއަން ޑޮލަރު ކަމަށާއި، މިއީ އެންމެ ދޮޅު އަހަރު ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރު ކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ، އެއް ހިސާބެއްގައި ބޭނުން ކުރެވޭނެ ރިޒާވް މުޅިން ހުސްވެފައި ވަނިކޮށް، ސަރުކާރުން އެކަމާ ބެހޭގޮތުން ދޮގު ހެދި ކަމަށެވެ. އެހީދޭ ފަރާތްތަކުގެ ކަންބޮޑުވުމަކީ އެހީ ދިން ނަމަވެސް، އެ ފައިސާ ތަރައްޤީއަށް ބޭނުންކުރުމުގެ ބަދަލުގައި ސީދާ ދަރަނި އަދާކުރުމަށް ބޭނުން ކޮށްފާނެ ކަން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، "މައިގަނޑު ގޮތެއްގައި، ދިވެހިރާއްޖެ އަށް ބޭނުންވާ އެހީ ނުލިބި ދަނީ މުއިއްޒުގެ ޚާރިޖީ ގުޅުންތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުންނެވެ."

- ކޮމެންޓް