Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2025 | ހުކުރު 15:24
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު
ރާއްޖެއެމްވީ
ސަރުކާރުގެ ދަރަނި
ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާގައި
ދައުލަތުގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރާ
އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުން ނަގާފައިވާ 85.8 ބިލިއަން ރުފިޔާ
ބޭރުގެ ދަރަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ އިންޑިއާގެ އެގްޒިމް ބޭންކަށް

މި އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު ރައީސް މުއިއްޒުގެ ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާއަށް އަރާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މި ހިސާބުތަކަށް ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ނެގި ދަރަނި ވަނީ 38.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ "މީޑިއަމް ޓާމް ޑެޓް ސްޓްރެޓެޖީ 2025 - 2027" އިން އަންދާޒާކޮށްފައި އޮތް ގޮތަށް ބަލާއިރު، 2024 ނިމުނު އިރު ރާއްޖޭގެ ގައުމީ ދަރަނި 123.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 2023 ވަނަ އަހރު ނިމުނު އިރު ގައުމީ ދަރަނީ ހުރީ 110.8 ބިލިއަން ރުފިޔާގައެވެ.

ފިނޭންސް މިނިސްޓްރީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު ފިސްކަލް ސްޓްރެޓެޖީ ސްޓޭޓްމަންޓް 2024-2026 ގައި ވަނީ 2024 ވަނަ އަހަރު ނިމޭއިރު ގައުމީ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިއަހަރު ދަރަނީގެ މިންވަރު 123.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އެއީ ޖީޑީޕީގެ 114.1 އިންސައްތައާ އެއްވަރުވާ މިންވަރެއް ކަމަށް އެއިރު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޖުމްލަ ދަރަނީގެ 80.2 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަނި ކަމަށާއި 43.2 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީ ދީފައިވާ 21.1 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏެވެ. ދެވަނަ ކުއާޓަރ ނިމުނުއިރު އެތެރޭގެ ބާޒާރުން 85.8 ބިލިއަން ރުފިޔާ ނަގާފައިވެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބޭރުގެ ދަރަނިވެސް ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. ފުރަތަމަ ކުއާޓަރުގައި 41.4 ބިލިއަން ރުފިޔާގައި ހުރި މި އަދަދު ދެވަނަ ކުއާޓަރުގައި 42 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ނަމަވެސް ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ދަށަށް ގޮސްފައިވެއެވެ. ފުރަތަމަ ކުއާޓަރުގައި 21.4 ބިލިއަން ރުފިޔާގައި ހުރި މި އަދަދު ދެވަނަ ކުއާޓަރު ނިމުނުއިރު 21.1 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.

ޖީޑީޕީގެ ނިސްބަތުން ބަލާއިރު ޖުމްލަ ދަރަނި ވަނީ އެއް ކުއާޓަރުން އަނެއް ކުއާޓަރަށް ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓިފައެވެ. މިގޮތުން ފުރަތަމަ ކުއާޓަރުގައި ޖީޑީޕީގެ ނިސްބަތުން 122.2 އިންސައްތައިގައި ހުރި ޖުމްލަ ދަރަނި، ދެވަނަ ކުއާޓަރު ނިމުނުއިރު 124 އިންސައްތައަށް އަރާފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެވަނަ ކުއާޓަރުގައި ދަރަނި އަދާކުރުމަށް ދައުލަތުން 3.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި އަސްލު އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ އަދި އިންޓަރެސްޓްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމެނެއެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ހިމަނައިގެން، ޖުމްލަ 42 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު އިންޑިއާގެ އެގްޒިމް ބޭންކަށް 9.2 ބިލިއަން ރުފިޔާ ދައްކަން އެބަހުއްޓެވެ.

ދެން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑުތަކަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިގޮތުން 7.7 ބިލިއަން ރުފިޔާ ދައްކަން އެބަހުއްޓެވެ.

ތިންވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ޗައިނާގެ އެގްޒިމް ބޭންކަށެވެ. ދެވަނަ ކުއާޓަރު ނިމުނުއިރު މި އަދަދު 7.3 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

- ކޮމެންޓް