މި ސަރުކާރުން ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު މުޅި ރާއްޖޭގައި އޮތީ ރައްޔިތުންގެ ޝަކުވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ ފުޅި ބައްތިން އަލިކަން ހޯދައިގެން އުޅުނު ޒަމާން ދިވެހިން ބަދަލުކޮށްފައިވާ ކަމަށާއި، އެމްޑީޕީން ނުކުމެ މުޅި ރާއްޖޭގެ ހާލަތު ބަދަލުކުރި ކަމަށެވެ.
ޝިފާޒު ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ ކަށަވަރުކޮށް، އޭގެން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
ހަމައެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންޖީނުގެތައް އަޅައި، ކަރަންޓުގެ ޚިދުމަތް ޔަގީން ކޮށްދިނުމަށްފަހު، ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށައި، ހުރިހާ ސަރަހައްދެއްގައި އެއަރޕޯޓުތައް އަޅައި، ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމް ކޮށްދިން ކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީ، އިގްތިސާދީ ގޮތުން ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް މަސަައްކަތް ކޮށްފައިވާ ކަމަށެވެ.
ޝިފާޒު ވިދާޅުވީ މި މަސައްކަތާއެކު، ރައްޔިތުން ހާލަތު ބަދަލުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މަންފާ ލިބެން ފެށުމާއެކު ވެރިކަން ބަދަލުވެ، މިހާރު ގިނަ ކަންކަމުން ދަތިވެ، ޚިދުމަތްތަކުން މަހުރޫމްވާ ކަމަށްވަންޏާ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.
މިހާރު މުޅި ރާއްޖޭގައި އޮތީ ރައްޔިތުންގެ ޝަކުވާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ރައްޔިތުން ބިކަ ކުރުމަށް ސިސްޓަމެޓިކްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ގިނަ ދުވަހު ވެރިކަމުގައި ތިބުމަށް ބޭނުން ކުރާ އުކުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން ޝަކުވާ އެހާ ބޮޑު ވަނީ އިންތިހާއަށް ތަކެތީގެ އަގު ބޮޑުވެއްޖެ. އިގްތިސާދީ ގޮތުން ދުވަހަކު ވެސް ރާއްޖެ ނުދާހާ ދަށު ދަރަޖައަށް މިވެއްޓުނީ. އަތްމަތި ދަތިވެއްޖެ. އެންމެންގެ ދަތި ވެއްޖެ. މިއީ އަޅުގަނޑު ނުދަންނަވާނަން ހަމަ ހުރެފައި ވީ ކަމެއް ކަމެއް ކަމަކަށް. ރާއްޖޭގެ ދަރަނި ބޮޑުވީ ދަރަނި ދެއްކުމަށްޓަކައި ރުފިޔާ ސޭވް ކުރެވޭތޯ މަސައްކަތް ކުރުން. އެއީ ވެސް ޕްލޭނެއްގެ ދަށުން ކުރަންޖެހޭ ކަމެއް. އޭގެމާނައެއް ނޫން ދެންތިބި އެންމެން ބަނޑަށް ޖެއްސުމެއް. މިހާރު އާއިލާތައް ނިކަމެތިވެގެން މިހާލަތަށް މިތިރިވާން ޖެހުނީ މިހާ ޝަކުވާ ބޮޑުވާން ޖެހުނީ ސިސްޓަމިކަލީ ރޭވިގެން ކުރަމުންދިޔަ ކަމަކާ ހެދި. ރައްޔިތުން ބިކަ ކުރުމަށް. ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ނޫން ގޮތަކަށް ކަމެއް ވާން ނެތް ރާއްޖޭގައި އަލުން އަނބުރާ ދައްކުވައިދޭން މަސައްކަތް ކުރަނީ. ދެން ޖުމްލަ މީގައި ވެގެން މިއުޅޭ ގޮތަކީ ވަރަށް ދިގު މާޒީއެއް ބަދަލުކޮށްފައި އަޅުގަނޑުމެން މިތިބީ. ދެން އެގޮތް ގަބޫލުކޮށްގެން އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ފިލޯސަފީއަށް އަބަދު މިޖެހެނީ އަރާރުންވާން. އެއީ ގިނަ ދުވަހު ވެރިކަމުގައި ތިބުމަށް ބޭނުންވާ ގޮތެއް.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު![]()
ޝިފާޒު ވިދާޅުވީ މިސަރުކާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ އަތްމަތި އިންތިހާއަށް ދަތިވެ، އުދަނގޫވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ދަރަނީގެ ފައިސާ ދެއްކުމަށް ވެސް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ކުރާނަމަ ރައްޔިތުންނަށް އެކަމުގެ ދަތިތައް ކުރިމަތިނުވާނެ ކަމަށާއި، ރާއްޖޭގެ އިގްތިސާދު މިހައި ދަށް ނުވާނެ ކަމަށެވެ.